ޖެހިޖެހިގެން ފަސް މެޗުން މޮޅުނުވެވިދިއުމަށް ފަހު ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުވިލާތް ރޭ 2-1އިން ސައޫދީ އަރަބިއާ ބަލިކޮށްފިއެވެ.
ޓީމޯ ވާނާ ގޯލު ޖަހާފައި ވަނިކޮށް ސައޫދީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލާއެކު ލިބުނު ދެ ލަނޑުގެ ލީޑު ހަނިވީ މެޗުގެ 84 ވަނަ މިނިޓްގައި ސައޫދީގެ ޓައިސީރް އަލްޖާސިރު ޖެހި ލަނޑުންނެވެ.
މި މެޗުގައި ޖަރުމަނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީވީ މިޑްފީލްޑަރު އިކާއީ ގޮންޑޮގަން އަށް ސަޕޯޓަރުންގެ ފުރައްސާރަ ކުރުމެވެ. މިއީ މިދިޔަ މަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދުގާންއާ ބައްދަލުކޮށް މިއީ މަގޭ ރައީސް ކަމަށް ބުނެ ގުންޑޮގަން އާއްމުކުރި ފޮޓޯއާ މެދު ހިތްހަމަނުޖެހިން ކުރި ކަމަކެވެ. މި ފޮޓޯގައި މެސުޓް އޮޒިލް ބައިވެރިވެފައިވީ ނަމަވެސް އަނިޔާގެ ސަބަބުން މި މެޗުގައި އޭނާ ނުކުޅެ އެވެ.
މެޗަށް ފަހު ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ ބުނީ ކުޅުންތެރިންނަށް ހަޅޭއްލައި ހެދުމުގެ ބަދަލުގައި މިއީ ކުޅުންތެރިންނަށް ހިތްވަރުދޭންވީ ވަގުތު ކަމަށެވެ.
"މިވަގުތު ގުންޑޮގަން ކީއްކުރީ؟ އޭނާ (ފޮޓޯ ނެގި މައްސަލައަށް) ޖަވާބުދީފި. ޕްރެސް ކޮންފަރެންސްގައި. ޖަރުމަނުގެ އުސޫލުތައް ގަބޫލުކުރާ ކަމަށްވެސް ބުނި. މިހެންވީމާ މިއީ ކުޅުންތެރިންނާ ދިމާކޮށް ހަދަންވީ ވަގުތެއްނޫން. އަހަރުމެން އެންމެން ދާން މިއުޅެނީ އެއް މިސްރާބަކަށް،" ކޯޗު ބުންޏެވެ.