ދެމަހަށްވުރެ ގިނަ ދުވަހު މުސާރަ ނުދީ އޮތުމުން އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ރޭ ނިއުރޭޑިއަންޓް ދޫކޮށް ގައުމަށްދާން ފުރި އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ ބުނެފި އެވެ.
އަފްގާނިސްތާނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުނީ ނިއުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ކިތަންމެ ރަނގަޅު ނަމަވެސް ޓީމުގެ "މެނޭޖްމަންޓުން ކަންތައްތައް ކުރީ ވަރަށް ގޯސްކޮށް،" ކަމަށެވެ.
"ނިއުއިން ހަދަނީ އަހަންނާ ބެހޭ ގޮތުން މީޑިޔާގައި ދޮގު. އަހަންނަށް ދެމަހާއި ބައި މުސާރަނުދީ ހުރީ. މިހެންވެ އަހަރެން ދާން ނިންމީ. ކުލަބުން އަހަރެން ފޮނުވާލަނީއެއްނޫން. ކުލަބުން އަހަރެން ފޮނުވާލާނަމަ އަހަރެން ދޫކޮށްލިކަމުގެ ސިޓީ ދޭންވާނެ. އެކަމަކު އަހަރެން އަދިވެސް މިހުރީ ރިލީޒް ސިޓީ ނުލިބި. އަހަރެން އިންތިޒާރު މިކުރަނީ އެ ސިޓީ (އެހެން ކުލަބަށް ބަދަލުވުމަށް ކޮންމެހެން ބޭނުންވާ ރިލީޒް ސިޓީ) ލިބޭނެ އިރަކަށް. ނިއުއިން ދާން ނިންމީ އަހަރެން. އެއީ މުސާރަނުދޭތީވެ. އަހަރެންގެ ލޯޔަރާއި އެޖެންޓް މިހާރު އެދަނީ ކުރިއަށް އޮތް ތިން ދުވަސްތެރޭގައި (މުސާރަ ނުދީ އޮތް) މި މައްސަލަ ފީފާ އަށް ވައްދަން މަސައްކަތް ކުރަމުން." ނިއުގެ ފަހަތުގައި ރަނގަޅު ކުޅުމެއް ދެއްކި ވަރުގަދަ ޑިފެންޑަރު ބުންޏެވެ.
އޭނާ ބުނީ ނިއުގެ މެނޭޖްމަންޓުން ކަންތައްތައް ކުރީ ކުޅުންތެރިއަކާމެދު ކަންތައްތައް ކުރަންޖެހޭ ވަރަށްވުރެ ދަށް ފެންވަރުގައި ކަމަށެވެ.
"ޖެނެރަލް ސެކްރެޓަރީ ބުނީ ކޯޗު ބުންޏޭ އަހަރެން ރަނގަޅަށް ނުކުޅެއޭ. އަހަރެން ފަރުވާ ކުޑައޭ. އެއަށްވުރެ ރަނގަޅު ކުޅުންތެރިއަކު ހޯދާށޭ. އަހަރެން އެ ވާހަކަ އަށް އިހްތިރާމްކުރަން. އެކަމަކު އެންމެނަށް ވެސް ފެންނާނެ މިދިޔަ ހަ މަސްދުވަހު އަހަރެން ދެއްކި ކުޅުން. ދެން އެމީހުން އަހަންނާމެދު ކަންތައްކުރީ ޕްރޮފެޝަނަލްކޮށްނޫން. އަހަރެން ނިދަން އޮއްވާ އައިސް ޓަކިޖަހާފައި ގެއިން ނެރުނީ މެންދަމު ބާރަ ޖެހިއިރު. ބުނީ މިތަނުން ނުކުންނަން އަންގައިފިއޭ. އެކަމަކު އަހަންނަށް ހީވަނީ މިއީނޫންހެން އަހަރެން ކޮޓަރިން ބޭރުކުރަންވީ ވަގުތަކީ. އަހަރެން އެހިން ދެން އަހަރެންދާންވީ ކޮންތާކަށްހޭ؟ ކުލަބުން ޖަވާބެއްނުދޭ. އަހަރެން މިދިޔަ ތިން ދުވަހު ހުރީ ހޮޓަލެއްގައި. (ނިއުގެ) އެކަކަށް ވެސް ނޭނގެ (ނުބަލާ) އަހަރެންވީ ކޮންތާކު ކަމެއްވެސް. މިއަށް އަހަރެން މިކިޔަނީ "ޕްރޮފެޝަނަލިޒަމްއޭ"،" އަފްގާނިސްތާނުގެ ގައުމީ ޓީމަށް 43 މެޗުން ހަ ގޯލު ޖަހާދީފައިވާ ޑިފެންޑަރު ބުންޏެވެ.
އޭނާ ބުނީ ގެއިން ނެރުނީ ކޮންޓްރެކްޓްގައި ނެތް ކަންތައްތަކަށް އޭނާ ޑިމާންޑް ކުރާ ކަމަކަށްބުނެފައި ކަމަށާއި ނަމަވެސް އެއީވެސް ދޮގެއް ކަމަށެވެ.
"އަހަރެންގެ އަތުގައި ހެކި އެބަހުރި. (ގެއިން ނެރުނުއިރު ދެއްކި ވާހަކަތަކުގެ) ވީޑިއޯ ވެސް އެބަހުރި. އަހަރެން ކޮންޓްރެކްޓްގައި ނެތް ކަމެއް ކޮށްދޭން އެދިފައިނުވާނެ،" އިންޑިޔާގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ޑިފެންޑަރު ބުންޏެވެ.
އޭނާ އަދި ބުނީ ނިއު އަށް އާދެވުނީތީވެ ނުތަނަވަސްކަމެއް ނެތް ކަމަށާއި ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"އަހަރެންގެ ގިނަ ހަނދާންތަކެއް އެބަހުރި މިކުލަބާމެދު. އެކަމަކު ނިއުގެ މެނޭޖްމަންޓުން އަހަރެން މާޔޫސްކޮށްލައިފި،" އަމީރީ ބުންޏެވެ.
އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް އަމާޒުހިފައި ޓީމު ވަރުގަދަ ކުރި ނިއު މުބާރާތުގެ ދެ ވަނަ ބުރަށް ނުގޮސް ކެޓީ ފުރިހަމަ ބާރު އޮއްވައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިޔާގެ އައިޒޯލް އެފްސީ އަތުން ބަލިވުމުންނެވެ. އެއިރު އެ ޓީމު އޮތީ މުބާރާތުން ކަޓައިފަ އެވެ. މި މެޗަށް ފަހު ނިއުރޭޑިއަންޓަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.