ޕީއެސްއެމް ފީފާ ވޯލްޑްކަޕް ކަވަރޭޖުގެ އެސޯސިއޭޓް ޕާޓްނަރ ކޮކާކޯލާ މޯލްޑިވްސްއާއިއެކު ސޮއިކޮށްފިއެވެ.
ޕާޓްނާރޝިޕް އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. ކޮކާކޯލާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މިލިންދް ދެރާސަރީއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ކޮކާކޯލާއަކީ ޕީއެސްއެމްގެ ގިނަ ހަރަކާތްތަކެއްގެ މުހިންމު ބައިވެރިއެއްކަމަށާއި، ޚާއްސަކޮށް ޕީއެސްއެމުން ގެނެސްދޭ ކުޅިވަރުގެ އެކި އެކި ކަންކަމުގައި ކޮކާކޯލާގެ ފަރާތުން ބޮޑު އެއްބާރުލުމެއް މީގެ ކުރިންވެސް ލިބިފައިވާކަމަށެވެ.
މުބާރާތް ފެށެން ކުޑަތަންވެފައިވާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ޕީއެސްމުން ގެނެސްދޭން ތައްޔާރުވާ ކަވަރޭޖުން އެއްވެސް މީހަކު ބާކީ ނުކުރުމަށް އެމްޑީ ގޮވާލެއްވިއެވެ. އެމްޑީ ޚަލީލް ވިދާޅުވީ ވޯލްޑްކަޕް ދެއްކުމަށް ބޭނުންވާ ރިސީވަރުތައް ހިލޭ ފޯރުކޮށްދޭން ނިންމާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށްރަށުގެ ކޭބަލް ޓީވީ ޚިދުމަތްދޭ ފަރާތްތަކުންވެސް މި ރިސީވަރު ހޯދައި ރައްޔިތުންނާއި ހަމައަށް ވޯލްޑްކަޕް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
"އަޅުގަނޑުމެން ގެނެސްދޭ ގިނަ ކަންކަމުގައި ޚާއްސަކޮށް ކުޅިވަރު ހަރަކާތްތަކުގައި ކޮކާކޯލާއަކީ މުހިންމު ބައިވެރިއެއް. މިހާ މުބާރާތް ކައިރިވެފައި އޮއްވާވެސް ކޯކާކޯލާއިން އަޅުގަނޑުމެންނާއި ބައިވެރިވުމަކީ މުބާރާތުގެ ފޯރި އިތުރުކުރުމަށް ލިބުނު ހިތްވަރެއް" އެމްޑީ ޚަލީލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ކޮކާކޯލާ މޯލްޑިވްސްގެ ސީއީއޯ މިލިންދް ދިރާސަރީ ވިދާޅުވީ ޕީއެސްއެމްގެ ކަވަރޭޖުގައި ބައިވެރިވެވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށާއި، މި މުބާރާތުގެ ފޯރި އިތުރުކުރުމަށް ކޮކާކޯލާއިން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށެވެ.
"ޕީއެސްއެމުން ގެނެސްދޭ ކަވަރޭޖުގައި ބައިވެރިވެވުމަކީ ކޮކާކޯލާއަށް ލިބުނު ބޮޑު ފަޚުރެއް. އަހަރެން ޔަގީންކަންދެން ރަޝިޔާގައި ފޯރި އޮތް މިންވަރަށް، ޕީއެސްއެމްގެ ކަވަރޭޖުންވެސް އެކަން ފެންނާނެ" މިލިންދް ވިދާޅުވިއެވެ.
ޕީއެސްއެމް ކަވަރޭޖް " 2018 ފީފާ ވަރލްޑް ކަޕް ރަޝިޔާ " ކަވަރޭޖުގައި ކޮންމެ ދުވަހަކުވެސް ދަނީ ވަރލްޑްކަޕްގެ މުޙިއްމު މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވާހަކަތައް ގެނެސްދެމުންނެވެ. އަދި މީގެ އިތުރުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މުބާރާތުގެ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތައްވެސް ޕީއެސްއެމްގެ ޗެނަލްތަކުން އަންނަނީ ގެނެސްދެމުންނެވެ.
ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ރާއްޖޭގެ އެންމެ ފުންނާބު އުސް ފުޓްބޯޅަ ކޯޗުންނާއި، ފުޓްބޯޅަ ޚަބަރުތައް ދިރާސާކުރައްވާ ފަރާތްތައް ބައިވެރިވާނެއެވެ.