ކުޅިވަރު

ޖަރުމަނު ޓީމުން ސާނޭ ބާކީކުރީ ކީއްވެ؟


ވޯލްޑް ކަޕަށްދާ ޖަރުމަނު ޓީމުގައި އެންމެ ހައިރާންކުރުވަނިވި ބަދަލަކަށް ފެނުނީ މެންޗެސްޓާ ސިޓީގައި ރަނގަޅު ކުޅުމެއް ދެއްކި ފޯވަޑް ލެރޯއީ ސާނޭ ނުހިމެނުމެވެ. އެއީ ކީއްވެ ހެއްޔެވެ؟
ޖަރުމަނު ކޯޗު ޖޯހިމް ލޯ ބުނީ ތަށި ދިފާއު ކުރަން ނުކުންނަ ޓީމުގައި ސާނޭ ނުހިމެނީ ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ.

"ވިންގަށް ކުޅޭ ވަރަށް ރަނގަޅު ކުޅުންތެރިން ޓީމުގައި އެބަތިބި. ތޯމަސް މުލާ އާއި މާކޯ ރޮއިސް ތިބި. އަދި ހޫލިއަން ޑްރެޒްލާ ވަނީ ކޮންފެޑަރޭޝަންސް ކަޕުގައި ވަރަށް މޮޅަށް ކުޅެފަ. މިހެންވެ ސާނޭ އާއި ހޫލިއަން ބްރާންޓްކުރެ ޓީމަށް އަރާނެ މީހަކު ކަނޑައަޅަން ދެ ކުޅުންތެރިންނަށް ކުރިމަތިވީ ވަރުގަދަ ޓެސްޓެއް. ދެ ކުޅުންތެރިންނަކީ ވެސް މޮޅު ހުނަރުވެރި ދެ ކުޅުންތެރިން. ވަން އޮން ވަން ދުވުންތަކުގައި ދެ ކުޅުންތެރިން ވެސް މޮޅު. މީގެ ތެރެއިން ބްރާންޓް ކޮންފެޑަރޭޝަންސް ކަޕުގައި ވަރުގަދަ މެޗުތައް ކުޅުނު. އަދި ޓްރޭނިން ކޭމްޕްތަކުގައި ވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި،" ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ޓީމުން ޖާގަ ނުލިބުނު ނަމަވެސް ކޯޗު ބުނީ ސާނޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ވޯލްޑް ކަޕަށްފަހު ޖަރުމަނު ޓީމުން ސާނޭ ފެނިގެންދާނެ ކަމަށެވެ.
ޖަރުމަނު ޓީމުން މިފަހަރު ފުރުސަތު ލިބުނު ބޮރޫޝިޔާ ޑޯޓްމުންޑްގެ ކެޕްޓަން ރޮއިސް އަކީ އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕުގައި ނުކުޅޭ ކުޅުންތެރިއެކެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ޓީމުގައި ހިމެނި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާއެވެ. އޭނާއަށް ޖާގަ މިދިނީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ނުކުޅެ ހުއްޓައެވެ. ނޯޔާ ފިޓްވެގެން ކުޅުނު ފުރަތަމަ މެޗަކީ އޮސްޓްރިއާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗެވެ.