ކުޅިވަރު

ވިކްޓްރީ ބަލިކޮށް، އީގަލްސް 3 ވަނައަށް!


އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ، ކްލަބް އީގަލްސް މާލޭ ލީގު ތާވަލްގެ ތިންވަނަ މަޤާމަށް ޖެހިލައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ކްލަބް އީގަލްސް މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މި މެޗުގައި އީގަލްސްއަށް ފުރަތަމަ ލީޑު ނަގައިދިން ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފްއެވެ. އީގަލްސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އޮފް ސައިޑް ގޯލެއް ކަމަށްބުނެ ވިކްޓްރީގެ ކުޅުންތެރިންވަނީ ރެފްރީ ކައިރި ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ.
އީގަލްސް އިން ލަނޑު ޖަހާ ލީޑު ނެގި ފަހުން ވިކްޓްރީން ވަނީ އެމީހުން ކުޅުން އިތުރަށް ރަނގަޅުކޮށް، ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ހުސް ފުރުސަތު ލިބުނީ ވިކްޓްރީގެ ސައިމަން ޓީބޯއަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ރޮނގު މަތިން ކަހަލަގޮތަކަށް ސަލާމަތްކޮށްދިނީ އީގަލްސްގެ ހުސައިން ފައިސަލްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރުމަށް އީގަލްސްއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެންނަމަވެސް މުޅިން ހުސްކޮށްހުރެ މުހައްމަދު ނާއިމް ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ވިކްޓްރީގެ ކީޕަރ މުހައްމަދު އިމްރާނާ ދިމާލަށެވެ. މި މެޗުގައި އީގަލްސް ކީޕަރ ސުޖަރ ޕެރޭރާގެ ފަރާތުން ރަނގަޅު ސޭވްތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ.
މެޗުގައި ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ހަމްދާންއެވެ. މެޗުން އީގަލްސް އަށް ތިން ޕޮއިންޓް ޔަޤީންކޮށްދިން ލަނޑު އަށްޑިހަ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އަހުމަދު ރިޒްވާން (ރިޒޭ)އެވެ.

މި ނަތީޖާއާއެކު އީގަލްސް ވަނީ އެކާވީސް ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނަ މަޤާމަށް ކުރިއަށް ޖެހިލާފައެވެ. ރޭގެ މެޗުން މޮޅުވެގެން ވިކްޓްރީއަށް ލީގުގެ ދެވަނަ މަޤާމަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް ރޭގެ މެޗުން ބަލިވެ ވިކްޓްރީ އޮތީ ނަވާރަ ޕޮއިންޓާއެކު ލީގު ތާވަލްގެ ފަސްވަނައިގައެވެ. އެސްޓީއޯ މާލޭ ލީގުގައި ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ދެ މެޗެވެ.

މެޗަށްފަހު އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު ބުނީ މުހިއްމު ގިނަ ކުޅުންތެރިން ނުލާ ކުޅެ، ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. މެޗަށް ނiކުތް އިރު އީގަލްސް އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި، ހާއްސަކޮށް ތަޖުރިބާ ހުރި ކުޅުންތެރިންނާއި ނުލާ ޒުވާން ކުޅުންތެރިން ތިން ޕޮއިންޓް ޓީމަށް ހޯދައިދިނުމުން އެކަމަށްޓަކައި ޓީމުގެ ކުޅުންތެރިންނަށް ޝުކުރުއަދާކުރާކަމަށް ނިމާ ބުންޏެވެ.

" މިރޭ މި ލިބުނު ތިން ޕޮއިންޓަކީ އެކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ލިބުނު ތިން ޕޮއިންޓު. ހާއްސަކޮށް ތަޖުރިބާ ހުރި ކުޅުންތެރިން ނުލާ ކުޅެ ތިން ޕޮއިންޓް ލިބުނީމަ ވަރަށް އުފާވެ". އީގަލްސްގެ އެސިސްޓެންޓް ކޯޗު ނިމާދު ބުންޏެވެ.

ވިކްޓްރީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިމާދު ބުނީ މެޗަކަށްފަހު މެޗެއްގައި އެޓީމުގެ ކުޅުން އަންނަނީ ރަނގަޅުވަމުން ކަމަށާއި، ކޮންމެ މެޗެއްގައިވެސް މޮޅުވުމުގެ ރޫހު އެޓީމުގެ ފަރާތުން ފެންނަކަމަށެވެ.
ނިމާދު ބުނީ އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަދި އެހެން އިތުރު ކުޅުންތެރިންވެސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކަމަށެވެ. ދިވެހި ލީގަށް ކޮލިފައިވެފައި އޮތުމުގެ ސަބަބުން އެކަމުގެ އެއްވެސް ހާސްކަމެއް މިހާރު ނެތްކަމަށާއި، މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދިވެހި ޕްރިމިއަރ ލީގަށް ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތްކަމަށެވެ. އެންމެ ފަހުން އީގަލްސް އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގައި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބެންޗުން ފޮނުވާލުމުގެ ސަބަބުން މޯހަންގެ ބަދަލުގައި އީގަލްސްއަށް ރޭގެ މެޗުގައި އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދުއެވެ.

ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނީ އީގަލްސް މޮޅުވީ ނަސީބުވެސް އެހީވުމުން ކަމަށެވެ. ރޭގެ މެޗުން މޮޅުވެ ތާވަލްގެ ދެވަނަ މަޤާމަށް ޖެހިލުމުގެ ފުރުސަތު އޮތް ވިކްޓްރީގެ ކޯޗު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެންމެ ފުރަތަމަވެސް ބުނީ މާލޭ ލީގުގެ ޗެންޕިއަންކަން ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބް ހޯދުމުން އެކަމަށްޓަކައި ނިއުއަށް މަރުޙަބާ ކިޔާކަމަށެވެ. އަދި ރޭގެ މެޗުން މޮޅުވި އީގަލްސްއަށްވެސް ކޯޗު ވަނީ މަރުޙަބާ ކިޔާފައެވެ.

"އެންމެ ފުރަތަމަ ވެސް ލީގު ޗެންޕިއަންކަން ހޯދި ނިއުރޭޑިއަންޓަށް މަރުޙަބާ ކިޔަން. ދެން މި މެޗުން މޮޅުވި އީގަލްސް އަށްވެސް މަރުޙަބާ ކިޔަން. މި މެޗުގައި އީގަލްސް އިން ވެސް ވަނީ ވަރަށް ރަނގަޅަށް ކުޅެފައި." ކޯޗު ލާޒްލޯ ކިސް ބުންޏެވެ.

ކޯޗު ބުނީ ރޭގެ މެޗުގައި ވިކްޓްރީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ އެންމެ މުހިއްމު ވަގުތުތަކުގައި ނުވިސްނާ ކުޅެން އުޅުންކަމަށެވެ. އަދި މެޗުގައި ފެނިގެންދިޔަ ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށްވެސް ކޯޗު ބުންޏެވެ.