ކުޅިވަރު

ސްޓައިލް ބަދަލެއް ނުކުރާނަން: ސުއަރޭޒް


އޭނާގެ ފަރާތުން މިހާތަނަށް ފެނިގެންދިޔަ އެގްރެސިވް ސްޓައިލް ބަދަލެއް ނުކުރާނެ ކަމަށާއި، ނަމަވެސް ކުރިއާ އަޅާބަލާއިރު އޭނާ އަކީ ބުއްދިވެރި ކުޅުންތެރިއަކަށް ވެއްޖެ ކަމަށް އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.
އޭނާއާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި އިޓަލީގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލިނީގެ ކޮނޑުގައި ދަތް އެޅުމުގެ ކުށުގައެވެ. އެ މައްސަލާގައި އޭނާއަށް ހަތަރު މަސް ދުވަހުގެ ސަސްޕެންޝަނެއް ފީފާއިން ދިނެވެ.

ސުއަރޭޒް ބުނީ އެއީ ފާއިތުވެފައިވާ ހާދިސާއެއް ކަމަށާއި، މިހާރު އޭނާ އަކީ ކުރިއާ އަޅާބަލާއިރު އެފަދަ ކަންކަން ތަކުރާރު ނުވާހާ ބުއްދިވެރި ކުޅުންތެރިއެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު ކުޅުންތެރިންނާ ޖެހިލުމެއްނެތި އޭނާ ކުރިމަތިލާނެ ކަމަށާއި، ޓީމު މޮޅުކޮށްދެވެން ކުރެވެން އޮތް ހުރިހާ ކަމަކަށް ތައްޔާރު ކަމަށެވެ.

"އުރުގުއޭގައި އަހަރުމެންނަށް ބުނެވިދާނެ ވޯލްޑް ކަޕް ކާމިޔާބު ކުރާނަމޭ. އެކަމަކު މިހެން ބުނަން ވަރަށް ފަސޭހަ. އުނދަގޫ ކަމަކީ މިކަން ކުރުން. ވޯލްޑް ކަޕަށް އަހަރުމެން މިދަނީ ވަރަށް އުއްމީދާއެކު. ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރެން. ފުރަތަމަ ކުރަންޖެހޭ ކަމަކީ ގްރޫޕް ސްޓޭޖުން ކުރިއަށް ދިއުން،" އެންމެ ފަހުގެ ވޯލްޑް ކަޕަށް ފަހު ބާސެލޯނާއަށް ބަދަލުވި ފޯވަޑް ބުންޏެވެ.

ބާސެލޯނާއަށް އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން ގެނެސްފިނަމަ ސުއަރޭޒް ވިއްކާލާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ސުއަރޭޒް ބުނީ އޭނާ ބާސެލޯނާގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، މިވަގުތު އެފަދަ އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާ މިހާރު ވަގުތު ހުސްކޮށްފައިވަނީ އުގުރުއޭއަށް ވޯލްޑް ކަޕުގައި ރަނގަޅު ކާމިޔާބީއެއް ހޯދައިދޭން ކަމަށެވެ.