ޚަބަރު

މޯލްޑިވްސް ބިޒްނަސް އެވޯޑަށް ނަންހުށައަޅެމުގެ ފުރުސަތު ހުޅުވަލައިފި


މުޅި ރާއްޖޭގެ އިޤްތިސާދުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް އަމާޒުކޮށްގެންދޭ ފުރަތަމަ އެވޯޑް "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" އަށް ނަންހުށައަޅެމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑް އިންތިޒާމްކުރަނީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ދެމުންގެންދާ ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކްގެ ފަރާތުންނެވެ.

ބްލޭޒަން އިންކްގެ އޮފީހުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޗީފް ސްޓްރެޓެޖީ އޮފިސަރ އަޙްމަދު އަސްބާބް ވިދާޅުވީ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ޖޫންމަހުގެ 23 ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށެވެ. އޮންލައިންކޮށްވެސް އަދި އެ އޮފީހަށްވެސް ފޯމު ހުށައެޅޭނެކަމަށް އަސްބާބް ވިދާޅުވިއެވެ. މި އެވޯޑް ދޭނީ އެންމެ ބޮޑެތި ކުންފުނިތަކަށް ނޫންކަން ފާހަގަކޮށް އަސްބާބް ވިދާޅުވީ އެވޯޑުދޭނީ ހިންގުމުގެ އޮނިގަނޑާއި ޕާރފޯމަންސްއަށް ބަލައި އެންމެ ނަމޫނާ ކުންފުނިތަކަށްކަމަށެވެ.

"މޯލްޑިވްސް ބިޒްނަސް އެވޯޑަކީ އެންމެ ބޮޑު ކުންފުނި ނުވަތަ އެންމެ ފައިސާގެ ގޮތުން ފައިދާ ލިބޭ ކުންފުންޏަށްދޭ އެވޯޑެއް މިއީ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަލާފަ ޕަރފޯމަންސް ބޭސްޑް އެވޯޑެކެވެ. ކޮންމެ އިންޑަސްޓްރީއެއްގެވެސް އެ އިންޑަސްޓްރީގެ އެންމެ ލީޑިންގ ނުވަތަ އެންމެ ނަމޫނާ ކުންފުނި ހޮވިގެންދާނެ އެވޯޑެއް. އެހެންވީމަ މިއަދުން ފެށިގެން އަޅުގަނޑުމެން މި ހުޅުވާލީ ނޮމިނޭޝަން އާއި ރެޖިސްޓްރޭޝަންއަށް. ރެޖިސްޓްރޭޝަން ހަމަވާނީ 23 ޖޫންއަށް." އަޙްމަދު އަސްބާބް ވިދާޅުވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރުދިނުންކަމަށް މި އިވެންޓް އިންތިޒާމްކުރާ ބްލޭޒަން އިންކުން ބުނެއެވެ.

މި އެވޯޑްސް ސްޕޮންޝަރ ކުރުމުގެ ފުރުސަތު ޖޫންމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށް ބްލޭޒަން އިންކް އިން ބުނެއެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަށް ވީހާވެސް ގިނަ ކުންފުނިތައް ނޮމިނޭޓްކުރުމަށް ބްލޭޒަން އިންކުން އެދެއެވެ.

ބިޒްނަސްއެވޯޑު ދޭން ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުން 28 އެވޯޑެވެ. އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 22 ވަނަ ދުވަހު އޮންނަ ގާލާގައެވެ.