ކުޅިވަރު

ލިވަޕޫލް ކަރު އެލުނީ ސަލާހް ބާލަން ޖެހުމުން


ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވުމުގެ މައިގަނޑު ސަބަބަކީ ފޯވަޑް މުހައްމަދު ސަލާހު ފުރަތަމަ 30 މިނިޓަށް ފަހު ބާލަން ޖެހުން ކަމަށް އެ ޓީމުން ބުނެފިއެވެ.
ކެޕްޓަން ޖޯޑަން ހެންޑަސަން ބުނީ ކޮނޑު ހުޅު ނެއްޓި ބާލަން ޖެހުނު ސަލާހް ދަނޑުމަތީގައި ހުރި ވަގުތުތަކުގައި މޮޅަށް ކުޅުނީ ލިވަޕޫލް ކަމަށެވެ.

"ފުރަތަމަ 30 ނުވަތަ 35 މިނިޓް އަހަރުމެން ޑޮމިނޭޓްކުރީ. ޗާންސް ވެސް ހޯދީ. އެކަމަކު އޭގެ ފަހުން އެމީހުން ޑޮމިނޭޓް ކުރަން ފަށައިފި. އެކަމަކު ޖުމުލަކޮށް ބުނަންޏާ އަހަރުމެންނަށްވުރެ ރެއާލް މޮޅުވީމަ އެމީހުން ތަށި ހޯދީ،" ހެންޑަސަން ބުންޏެވެ.

އޭނާ ބުނީ ކީޕަރު ލޮރިސް ކާރިއަސް އަތުން ހެދުނު މިސްޓޭކްތަކުގެ ވާހަކަ ދެއްކުމު ބޭނުމެއް ނެތް ކަމަށެވެ.

"ފުރަތަމަ ބޯޅަ އަހަންނަކަށް ޔަޤީނެއްނުވި ގޯލަށް ވަނީ ކިހިނެތްކަމެއް. ކަރީމް ބެންޒެމާ ބޯޅައިގައި އަތުން ޖެހީ ކަމެއް ނުވަތަ ބްލޮކް ކުރީ ކަމެއް ނޭނގުނު. ދެ ވަނަ ބޯޅައިގައި އޭނާ (ކީޕަރު) ކުރާނެ އެއްވެސް ކަމެއްނެތް. ތިން ވަނަ ބޯޅައަކީ ވަރަށް ބާރު ބޯޅައެއް. އެކަމަކު ކީޕަރުގެ މިސްޓޭކް ފާހަގަ ކުރުމުގެ ބޭނުމެއްނެތް. އަހަރުމެން ފައިނަލަށް އައީވެސް ޓީމެއްގެ ގޮތުގައި. ބަލިވީ ވެސް އެންމެން އެކީގައި. ބަލިވީމަ ވަރަށް ދެރަވެއްޖެ،" 3-1 ން ބަލިވި މެޗަށް ފަހު ހެންޑަސަން ބުންޏެވެ.

ކޯޗު ޔާގެން ކްލޮޕް ވެސް ބުނީ ސަލާހް ނެތުމުގެ އުނިކަން ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް މިސްޓޭކް ހެދިދާނެ ކަމަށާއި، ކާރިއަސް އަތުން ފަހު ގޯލުގައި މިސްޓޭކް ހެދުނީ އެންމެ ފުރަތަމަ ގޯލުގައި ހެދުނު މިސްޓޭކުގެ ސަބަބުން ކަމަށެވެ.
ލިވަޕޫލަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ހޯދައިދިން ކެޕްޓަނަކީ ސްޓީވަން ޖެރާޑެވެ. މެޗު އެނަލައިޒް ކުރަމުން އޭނާ ބުނީ ރެއާލްގެ ތަޖުރިބާ ބޮޑުވުމުގެ އެޑްވާންޓޭޖް އެ ޓީމުން ނެގި ކަމަށެވެ. އަދި ކޯޗު ކްލޮޕަށް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ދަނޑުން ބާލަން ޖެހުމަކީ ކުރިމަތުވި ބޮޑު މައްސަލައެއް ކަމަށެވެ.

"ލިވަޕޫލަށް ބޭނުންވޭ މޮޅު ކުޅުންތެރިން. އެކަކު ނެތީމަ އަނެކަކު ހުންނަންޖެހޭ. ސަލާހް ބޭލުމުން މުޅި ޓީމަށް އޭގެ އަސަރުކުރި،" ޖެރާޑް ބުންޏެވެ.