"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ދަށުން މިރޭ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރޭ ޓޯކަން ނަންބަރު ދޫކުރި ފަރާތްތަކަށް އެކަނި ކަމަށާއި، މިރޭ އެއްވެސް ޚިދުމަތަކަށް ޓޯކަން ދޫ ނުކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، މިރޭވެސް 9 ޖަހާއިރު ހުރަވީ ބިލްޑިންގގައި މި ޕްރޮގްރާމް ކުރިއަށްގެންދާއިރު، މިރޭ ލައިސަންސް ހޯދުމުގެ ފުރުޞަތު ލިބޭނީ ރޭ ޓޯކަން ނަންބަރު ދޫކުރި ފަރާތްތަކުގެ ތެރެއިން ޚިދުމަތް ނުދެވި ބާކީ ތިބި ނަންބަރުތަކަށް އެކަނިކަމަށެވެ. ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، މިގޮތަށް އެ މިނިސްޓްރީން ނިންމަންޖެހުނީ ރޭ ޓޯކަން ނަންބަރު ދޫކުރި ފަރާތްތަކުގެ ތެރެއިން އަދިވެސް ގިނަ އަދަދެއްގެ އާއްމުންނަށް ޚިދުމަތް ނުދެވިވާތީ، އެފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުންކަމަށެވެ.
މީގެ އިތުރުން މި ޕްރޮގްރާމާއި ގުޅޭގޮތުން ބައެއް ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ޕްރޮގްރާމްގައިވެސް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ލައިސަންސް ދޫކުރާ އުސޫލުން ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ބައިން ފާސްވާ ފަރާތްތަކަށް ކަމަށާއި، ހަމައެކަނި ތަފާތަކީ އެކަމަށް ހޭދަވާ ވަގުތު ކުޑަވުންކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ފުރަތަމަ 2 ދުވަސް ޚާއްޞަ ކޮށްފައިވަނީ އަލަށް ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށާއި، ކެޓަގަރީ އިތުރުކުރަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ޕްރޮގްރާމުގެ ތިން ވަނަ ދުވަސްކަމުގައިވާ މިމަހުގެ 28 ވާ ހޯމަ ދުވަސް ޚާއްޞަ ކޮށްފައިވަނީ ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ޖޫރިމަނާ ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުންނަށެވެ. މި ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ލިބޭ ތަރުޚީބަށް ބަލާ، މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ، މުއްދަތު އިތުރުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.