ވާދަވެރި ބާސެލޯނާއިން މި ސީޒަނުގައި ދެ ތަށި ހޯދި ނަމަވެސް ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިނަމަ ބާސެލޯނާގެ އެކާމިޔާބީގެ އޮފުކަން ކެނޑިގެންދާނެ ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގަކީ ކޮންމެ ޓީމަކުން ވެސް އެންމެ ބޭނުންވާ ތަށި ކަމަށެވެ. މިހެންވެ ރެއާލް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެތަށި ހޯދައިފިނަމަ ބާސެލޯނާގެ ކާމިޔާބީގެ މަތިން އެކަކު ވެސް ހަނދާން ނުހުންނާނެ ކަމަށެވެ.
"ބާސެލޯނާ އަށް ވަރަށް ކާމިޔާބު ސީޒަނެއްމިއީ. އެމީހުންނަށް އެ ދެތަށި (ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުގެ ތަށި) ހައްގު. އެކަމަކު ޗެމްޕިއަންސް ލީގަކީ އެންމެ ބޮޑު މުބާރާތް. މިތަށި އަހަރުމެން ހޯދައިފިނަމަ އެމީހުންގެ ކާމިޔާބީގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާނެ،" ރާމޯސް ބުންޏެވެ.
އޭނާ ބުނީ މިދިޔަ ދެ އަހަރު ހޯދި ތަށި އަންނަ ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލް ބަލިކޮށް، ރެއާލް އަށް ކާމިޔާބު ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެމީހުންނަށްވުރެ ހުރިހާ ގޮތަކުން ވެސް އަހަރުމެން ތަށި ހޯދަން ބޭނުންވެފައި މިތިބީ. އަހަރުމެންނަށް މިތަށި ނުހޯދެންވީ އެއްވެސް ސަބަބެއްނެތް. އަހަރުމެން ޓީމަކީ މޮޅު ޓީމެއް. އެކަމަކު ލިވަޕޫލް އަންޑައެސްޓިމޭޓް ކޮށްގެންނުވާނެ. ސަލާހާއި ފިރްމީނޯގެ އިންޑިވިޖުއަލް ހުނަރުގެ ވާހަކަ އަހަރުމެން އެއްމެން ވެސް އެބަދައްކަން،" ރާމޯސް ބުންޏެވެ.