ޕީއެސްއެމް ފީފާ ވޯލްޑްކަޕް ކަވަރޭޖްގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ސިމްޑީ ގްރޫޕް ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. އަންނަ ޖޫން މަހު ރަޝިޔާގައި ފަށާ ވޯލްޑްކަޕަށް ޕީއެސްއެމުން ގެނެސްދޭ ކަވަރޭޖުގެ އެސޯސިއޭޓް ޕާޓްނަރ ސިމްޑީއާއެކު ޕީއެސްއެމްއިން ސޮއިކުރެއްވީ މިއަދު ޕީއެސްއެމްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފެވެ. ސިމްޑީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މިޝަލް އިބްރާހިމް މުޙައްމަދު ދީދީއެވެ. ސިމްޑީ ގްރޫޕަކީ ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖުގައި ބައިވެރިވި އަމިއްލަ ފުރަތަމަ ކުންފުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ ވޯލްޑްކަޕަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޕީއެސްއެމްގެ ޗެނަލްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އެކަން ޓީވީގެ ބެލުންތެރިންނަށް މިހާރުވެސް ފެންނަމުން ދާނެކަމަށެވެ.
އިކްރާމް ވިދާޅުވީ ސިމްޑީއާއިއެކު މި ކަވަރޭޖް އިތުރަށް ފުރިހަމަވެގެންދާނެކަމަށާއި، ފުރިހަމަ ކާމިޔާބު ކަވަރޭޖެއް ގެނެސްދިނުމަށް ޕީއެސްއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
"ޕީއެސްއެމްގެ ޗެންލަތަކުން ގިނަ ކަންތައްތަކެއް ކުރަމުން މިހާރުވެސް މިދަނީ ކަވަރޭޖު ފުރިހަމަކުރުމަށް، ސިމްޑީއާއިއެކު އަނެއްކާވެސް އިތުރު ފުރިހަމަކަމެއް މި ކަވޭޖަށް އަންނާނެ" އިކްރާމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރ ޔޫޝައު ސައީދު ވިދާޅުވީ ވޯލްޑްކަޕަކީ ކޮންމެ ފަހަރަކުވެސް ދިވެހިން ފުޓްބޯޅައަށް ދޭ ސަޕޯޓު ފެނިގެންދާ މުބާރާތެއްކަމަށާއި، ސިމްޑީންވެސް ޕީއެސްއެމްގެ ކަވަރޭޖުގައި ބައިވެރިވި މައިގަނޑު ސަބަބަކީ ދިވެހިން ފުޓްބޯޅައަށްދޭ ސަމާލުކަންކަމަށެވެ. އަދި ޕީއެސްއެމްގެ ކަވަރޭޖު އިތުރަށް ފޯރިގަދަކޮށް ފުރިހަމަކުރުމަށް އެކުންފުނީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށްވެސް ޔޫޝައު ވިދާޅުވިއެވެ.
"ފުޓްބޯޅައަކީ ހުރިހާ ދިވެހިން ލޯބިކުރާ ކުޅިވަރެއް، މިކަހަލަކަމެއްގައި ޕީއެސްއެމްއާ ބައިވެރިވުމަކީ ސިމްޑީއަށް ލިބުނު ބޮޑު އުފަލެއް" ޔޫޝައު ވިދާޅުވިއެވެ.
ޕީއެސްއެމް ކަވަރޭޖް " 2018 ފީފާ ވަރލްޑް ކަޕް ރަޝިޔާ " މިހާރު ވަނީ ފަށާފައެވެ. ކޮންމެ ދުވަހަކުވެސް ދަނީ ވަރލްޑްކަޕްގެ މުޙިއްމު މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވާހަކަތައް ގެނެސްދެމުންނެވެ. އަދި މީގެ އިތުރުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މުބާރާތުގެ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތައްވެސް ޕީއެސްއެމްގެ ޗެނަލްތަކުން އަންނަނީ ގެނެސްދެމުންނެވެ.
ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ރާއްޖޭގެ އެންމެ ފުންނާބު އުސް ފުޓްބޯޅަ ކޯޗުންނާއި، ފުޓްބޯޅަ ޚަބަރުތައް ދިރާސާކުރައްވާ ފަރާތްތައް ބައިވެރިވާނެއެވެ.