ޚަބަރު

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރައްވާނީ ޕީޕީއެމްގެ މުޝްތަޝާރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ކަމަށް ޕީޕީއެމްގެ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ޕީޕީއެމްގެ ކައުންސިލުން ނިންމީ މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކައުންސިލް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދޭން ކައުންސިލުން ނިންމެވީ އެމަނިކުފާނު ފައްޓަވާފައިވާ ތަރައްޤީގެ މަސައްކަތް ނިންމެވުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ. ޕީޕީއެމްގެ އަސާސީ ޤަވާއިދަށް ހަވާލާދީ ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ ޓިކެޓު ރައީސް ޔާމީންނަށް ދޭން ކައުންސިލުން ނިންނެވީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 69 ވަނަ މާއްދާގެ (އ) ގައި ބުނެފައިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މެންބަރަކު، ޤާނޫނު އަސާސީއާ އެއްގޮތަށް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭނަމަ، އެމެންބަރަކަށް ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ޕާޓީގެ ޓިކެޓު ދެވިދާނެކަމަށެވެ.

މީގެ އިތުރުން ޢަބްދުއްރަޙީމް ވަނީ ރިޔާސީ ޓިކެޓު ރައީސް ޔާމީންނަށް ދޭން ނިންމެވި ސަބަބުތައް ހާމަކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖެ އޭރުއޮތް އަނދަވަޅުން ނަންގަވާ އިޖްތިމާޢީ ޙާލަތާއި، ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެއްވާ ޢުމްރާނީ ތަރައްޤީ ބާރުމިނުގައި ގެންނަވާފައިވާކަމަށެވެ. އަދި ޤައުމުގައި ހަޖެހުން ޤާއިމްކޮށްދެއްވާ ވަރަށް ބޮޑެތި ބިޔަ މަޝްރޫޢުތައް ފަށްޓަވާދެއްވާފައިވުމާއި، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމާއި، އިސްލާމް ދީން ނޫން ދީންތަކަށް ފުރުޞަތު ނުދޭނެކަން އެމަނިކުފާނު ސާބިތުކޮށްދީފައިވާތީކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔަމީން ފަށްޓަވާފައިވާ މަސައްކަތްތައް ނިންމެވުމަށް އިތުރު ދައުރެއް ދޭން ކައުންސިލުން ނިންމީކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވީހިނދު އިސްލާމްދީން ނޫން އެހެންދީނަކަށް ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަން ކަނޑައެޅިގެން އަބަދާއަބަދު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ޙަފްލާއެއްގައި ވިދާޅުވަމުން ގެންދަވާތީ..އަދި އެކަން ޢަމަލުން ސާބިތުކޯށްދޭތީވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައިވެސް އެމަނިކުފާނު ވަރަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތީ. އަދި ޤައުމަށް ކޮންމެ ފަދަ ޙާލަތެއް ދިމާވިޔަސް ޤައުމުގެ ރައްޔިތުންނާއެކީގައި އެމަނިކުފާނު ސާބިތުވެ ހުންނަވާނެކަމަުގެ ޔަޤީންކަން ޕާޓީއަށާއި ރައްޔިތުންނަށް ސާބިތުކޮށްދީފައިވާތީ، ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންގެ ޕާޓީ ޓިކެޓްގައި ވާދަކުރާނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތުން ރައީސް ޢަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެކަމަށެވެ.