މުހިންމު ޓެކުހެއްގެ ސުންގަޑި ކައިރިވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ. އަންނަ މަހުގެ 30 ވަނަ ދުވަހަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީޕީޓީ ދެއްކުމުގެ ސުންގަޑިއެވެ.
ބީޕީޓީ ނުވަތަ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ވަނީ 3 ބަޔަކަށް ބަހާލާފައެވެ. އެއީ އިންޓަރިމް ޕޭމަންޓާއި ފައިނަލް ޕޭމަންޓެވެ. އިންޓަރިމް ޕޭމަންޓް ދައްކަންޖެހެނީ އަންދާސީ ހިސާބުތަކަށް ބަލައި 2 ޕޭމަންޓެއްގެ ގޮތުގައެވެ. އެއީ އެއަހަރުގެ ޖުލައި މަހު އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ފައިނަލް ޕޭމަންޓަކީ މުޅި އަހަރު ނިމުމުން މުޅި އަހަރުގެ ހިސާބުތަކަށް ބެލުމަށްފަހު ދައްކަންޖެހޭ ޢަދަދެވެ. ފައިނަލް ޕޭމަންޓްގައި ދައްކަންޖެހޭނީ އިންޓަރިމްގެ ގޮތުގައި ދެއްކި ޢަދަދު އުނިކުރުމަށްފަހުކަމަށް މީރާއިން މައުލޫމާތުދެއެވެ. 2017 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމުގެ ސުންގަޑި ކައިރިވަމުން އަންނާތީ ހުރިހާ ވިޔަފާރިވެރިންވެސް މިކަމަށް ސަމާލުވުމަށް މީރާއިން މިހާރުވަނީ އިލްތިމާސްކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯސްމަންޓް ފާޠިމަތު އަމީޒާ ވިދާޅުވީ، 2017 ވަނަ އަހަރުގެ ބީޕީޓީ ހުށައެޅުމުގެ ސުންގަޑި އަންނަ މަހުގެ ތެރޭގައި ހަމަވާއިރު އެ އަދަދު ސައްޙަގޮތުގައި ކަނޑައަޅުއްވާ ކަނޑައެޅިފައިވާ ތާރީޙްގެ ކުރިން ހުރިހާ ވިޔަފާރިވެރިންވެސް ދެއްކުމަކީ މުހިންމުކަމެއްކަމަށެވެ.
"އަންނަ މަހުގަ ވަރަށް ބޮޑު ޑެޑްލައިނަކާ އަޅުގަނޑުމެން އެބަ ކުރިމަތިލަން. އެއީ ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް 2017 ވަނަ އަހަރުގެ ބަޔާން ހުށައަޅުއްވާ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި. އެހެންވީމާ ވިޔަފާރިކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމު. މިއީ ވިޔަފާރިތަކުގެ މުޅި ފާއިތުވި އަހަރުގެ ޖުމްލަ ކުރެވުނު ހުރިހާ ވިޔަފާރިތަކަކުން ދައްކަންޖެހޭ ޖުމްލަ ބީޕީޓީ ދައްކަންލިބޭ ފުރުސަތު." ފާތިމަތު އަމީޒާ ވިދާޅުވިއެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަވާނެގޮތަށް މީރާއަށް ޓެކްސް ދެއްކުމުގައި އަދި ބަޔާން ހުށައެޅުމަށްވެސް އެ އިދާރާއިން އަންނަނީ ފަސޭހަގޮތަތައް ފަހިކޮށްދެމުންނެވެ. އެގޮތުން ހުރިހާ ޙިދުމަތްތަކެއް އޮންލައިން ކުރުމުގެ މަސައްކަތް މީރާއިން ކުރަމުންއަންނަކަމަށް އެ އިދާރާއިން ބުނެއެވެ. މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް މީރާގެ ޙިދުމަތްތައް އޮންލައިންކޮށް ލިބިގެންދާނެކަމަށް އެއިދާރާއިން މިޢުލޫމާތުދެއެވެ.