ޕީއެސްއެމް ފީފާ ވޯލްޑްކަޕް ކަވަރޭޖްގެ އެސޯސިއޭޓް ޕާޓްރަނެއްގެ ގޮތުގައި އެމްއޭސީއެލްއާއިއެކު ސޮއިކުރައްވައިފިއެވެ.
އަންނަ ޖޫން މަހު ރަޝިޔާގައި ބާއްވާ ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތައް ޕީއެސްއެމުން ގެނެސްދޭ ކަވަރޭޖުގެ އެސޯސިއޭޓް ޕާޓްނަރ އެމްއޭސީއެލްއާއިއެކު ސޮއިކުރެއްވުން އޮތީ މިއަދު ޕީއެސްއެމްގައި އެކަމަށް އޮތް ޚާއްސަ ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރި އިބްރާހިމް ޚަލީލް ވިދާޅުވީ، މި ކުންފުނިން ކުރާ މުހިންމު ހުރިހާ ކަމެއްގައި އެމްއޭސީއެލްއަކީ މުހިންމު ބައިވެރިއެއްކަމަށާއި، އެމްއޭސީއެލުން ޕީއެސްއެމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާކަމަށެވެ. އަދި އެމްއޭސީއެލްގެ ބައިވެރިވުމާއިއެކު ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖް އިތުރަށް ފުރިހަމަވާނެކަމަށްވެސް އެމްޑީ ޚަލީލް ފާހަގަކުރެއްވިއެވެ.
"ޕީއެސްއެމުން ކުރާ މުޙިންމު ކަންތައްތަކުގައި އެމްއޭސީއެލްއަކީ މުހިންމު ބައިވެރިއެއް، ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ އެމްއޭސީއެލްގެ ފަރާތުން" އެމްޑީ ޚަލީލް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ވޯލްޑްކަޕަކީ ހުރިހާ ދިވެހިންވެސް ބޮޑު ސަމާލުކަމެއް ދޭ މުބާރާތެއްކަމަށާއި، އެމްއޭސީއެލުން ޕީއެސްއެމްގެ ކަވަރޭޖުގައި ބައިވެރިވެވުމަކީ ލިބޭ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށެވެ. ޕީއެސްއެމުން އިސްނަގައިގެން ދުރާލާ މި މުބާރާތް ގެނެސްދިނުމުގެ މަސައްކަތްކުރިއަށްގެންދަވާތީ އެކަން އާދިލް ފާހަގަކުރެއްވިއެވެ.
"ވޯލްޑްކަޕަށް ދިވެހިން ބޮޑު ސަމާލުކަމެއް ދޭ، ޕީއެސްއެމުން ދުރާލާ މިކަހަލަ މަސައްކަތެއް ކުރުމުން އެކަން އެމްއޭސީއެލުންވެސް ފާހަގަކުރަން" އެމްއޭސީއެލްގެ އެމްޑީ އާދިލް ފާހަގަކުރެއްވިއެވެ.
އެމްޑީ އާދިލް މޫސާ ވިދާޅުވީ ޕީއެސްއެމްއަކީ އެމްއޭސީއެލްއާއި ވަރަށް ގާތުން މަސައްކަތްކުރައްވާ ބައެއްކަމަށާއި، އެމްއޭސީއެލުން ކުރައްވާ ކަންތައްތައް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައިވެސް ޕީއެސްއެމް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
ޕީއެސްއެމް ކަވަރޭޖް " 2018 ފީފާ ވަރލްޑް ކަޕް ރަޝިޔާ " މިހާރު ވަނީ ފަށާފައެވެ. ކޮންމެ ދުވަހަކުވެސް ދަނީ ވަރލްޑްކަޕްގެ މުޙިއްމު މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވާހަކަތައް ގެނެސްދެމުންނެވެ. އަދި މީގެ އިތުރުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މުބާރާތުގެ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތައްވެސް ޕީއެސްއެމްގެ ޗެނަލްތަކުން އަންނަނީ ގެނެސްދެމުންނެވެ.
ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ރާއްޖޭގެ އެންމެ ފުންނާބު އުސް ފުޓްބޯޅަ ކޯޗުންނާއި، ފުޓްބޯޅަ ޚަބަރުތައް ދިރާސާކުރައްވާ ފަރާތްތައް ބައިވެރިވާނެއެވެ.