ޚަބަރު

ދޮޅުމަހެއްގެ ތެރޭގައި ވިސާ ނުނަގާ ދިވެހިންނަށް ތައިލެންޑަށް ދެވޭނެ - ސަފީރު


ކުރިއަށް އޮތް ދޮޅުމަހެއްގެ ތެރޭގައި ދިވެހިންނަށް ވިސާއެއް ނެތި ތައިލެންޑަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ރާއްޖެއިން އެ ޤައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ. ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިންނަށް އޮން އެރައިވަލްގައި ތައިލޭންޑުން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާކުރަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށާއި މި މަޝްވަރާތައް މިހާރު ނިމިފައިވާކަމަށެވެ. ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ތައިލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ރާއްޖެވަޑައިގެން ބައެއް މަސައްކަތްތައްކުރައްވާފައިވާކަންވެސް ނަޝީދު ފާޕހަގަކުރެއްވިއެވެ. އަދި މިހާރު ކުރިޔަށްދަނީ ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށާއި ކުރިއަށް އޮތް ދޮޅުމަހެއްގާ ދުވަހުގެ ތެރޭގައި ދިވެހިންނަށް ވިސާ ނުނަގާ ތައިލެންޑަށް ދަތުރުކުރެވޭނެކަމަށެވެ.

" އަޅުގަނޑަށް ޤަބޫލު ކުރެވެނީ މަހެއް ދޮޅުމަހެއްގެ ތެރޭގައި ވިސާ ހިލޭ ލިބިގެންދާނެކަމަށް. ދެން އޮތީ އިދާރީ ގޮތުން ކުރަންޖެހޭ ވަރަށް ކުދި މަސައްކަތް. ބައެއް ކަހަލަ ސިޓީ ބިޓީ ބަދަލުކޮށްލުންފަދަ ކަންކަން. ރާއްޖެއިން ބޭސްފަރުވާއަށް އަދި ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ވަރަށް ގިނައިން ތައިލެންޑަށް އެބަ ދޭ. ބޭސްފަރުއާއަށްވެސް. އެހެންކަމުން މިބޭފުޅުންނަށް ވިސާ ނުލާ ތައިލެންޑަށް ވަޑައިގަތުމުގެ ފުރުސަތު ލިބިގެންދާނެ. ހަމައެހެންމެ ތައިލެންޑަކީ ފަތުރުވެރިކަމުގައި މަޤްބޫލް މަންޒިލެއްވެސްމެ. އެހެންކަމުން ވިސާއެއް ނެތި ދަތުރުކުރެވެން ފެށުމުން ވަރަށް ފައިދާކުރާނެކަމަށް އަޅުގަނޑަށް ޤަބޫލްކުރެވެނީ. މިއަދުވެސް އަޅުގަނޑުމެން ރާއްޖެއާ ތައިލެންޑާ ދެމެދު ހައެއްކަ އެއަރލައިނުން އެބަ ދަތުރުކުރޭ. އެހެންކަމުން ވަރަށް ފަސޭހަ ކަމާއެކު ޑައިރެކްޓް ފްލައިޓްވެސް އެބައޮތް. މިފުރުސަތުގެ ސަބަބުން ރާއްޖެށް އިޤްތިޞާދަށްވެސް އަދި ތައިލެންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް ފައިދާކުރާނެ " ސަފީރު ވިދާޅުވިއެވެ.

ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީން އެޤައުމުގައި ތިބި ކިޔަވާ ކުދިންނާއި، ވިޔަފާރިވެރިންނާއި ބޭސްފަރުވާ އާއި އަދި އެނޫންވެސް ބޭނުންތަކަށް ތައިލެންޑަށް ޒިޔާރަތްކުރާ ދިވެހިންނަށް އެމްބަސީގެ ޚިދުމަތް ދާއިރާއެއްގައި ދެމުން އަންނަކަންވެސް ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރު ފާހަގަކުރެއްވިއެވެ. އެމްބަސީން އެންމެ އިސްކަމެއް ދެނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިންނާއި ސަގާފީ އަދި ފަތުރުވެރިކަމާ ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ތައިލެންޑުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސް ތައިލެންޑަށް އެކްސްޕޯޓްކުރުމާއި ތައިލެންޑްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާއި، އެނޫންވެސް ދާއިރާތަކުން މިގުޅުން ހަރުދަނާކުރެވި މުއްސަނދި ސަގާފަތުން ގިނަ ފައިދާތަކެއް ހާސިލްކުރެވޭނެކަމަށެވެ.
ތަޢުލީމް ހާސިލްކުރުމަށާއި އެނޫންވެސް ބޭނުންތަކަށް ހަތަރުސަތޭކައެއްހާ ދިވެހިން ތައިލެންޑުގައި ދިރިއުޅެމުން ގެންދެއެވެ. އަދި ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމާއި ވިޔަފާރިކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ތައިލެންޑަށް ގޮސްއުޅެއެވެ.