އެފްއޭއެމުގެ އިދާރީ މުވައްޒަފުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެން މުވައްޒަފުން ކަމަށާއި، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެއިދާރާއިން ވިދާޅުވެއްޖެއެވެ.
ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް މިހެން ވިދާޅުވީ ފީފާއިން ފުރަތަމަ ފަހަރަށް ބޭއްވި އަންހެނުންގެ ފުޓްބޯޅަ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ޖޯޑަންގެ އިއްޔެ ނިމުނު ކޮންފަރެންސްގައި ވާހަކަ ދައްވަމުން ޖަވާޒް ވިދާޅުވީ މިއީ އަންހެން ފުޓްބޯޅަ ކުރިއަރުވައި، މަސައްކަތްތައް ކޮލިޓީ ވެގެންދާ ސަބަބެއް ކަމަށެވެ.
"އެކިއެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ އެފްއޭއެމުގެ މުވައްޒަފުންގެ 50 ޕަސެންޓަކީ އަންހެނުން. މިއީ އެޑްމިނިސްޓްރޭޓިވްކޮށް ބަލާއިރު ތަނުގެ މަސައްކަތްތަކުގެ އަދަދާއި މަސައްކަތްތައް ކޮލިޓީ ކުރެވިގެންދާނެ މައިގަނޑު ސަބަބެއް. އަދި މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" އަންހެނުންގެ ފުޓްބޯޅަ ކުރިއަރުވައި އެކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ މަޝްވަރާކުރުމަށް ފީފާ، އޭއެފްސީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ޖަވާޒް ވިދާޅުވި އެވެ.
ބައްސާމް އަދީލް ޖަލީލް އެފްއޭއެމާ ހަވާލުވުމަށްފަހު އަންހެން ފުޓްބޯޅައަށް ވަނީ ވަރަށް ބޮޑަށް އިސްކަން ދެއްވާފައެވެ. މި ގޮތުން ބާއްވާ މުބާރާތްތައް ގިނަކޮށް، އަންހެން ޓީމުތަކަށް ހޯދައިދޭ ފުރުސަތުތައް ވަނީ ގިނަކޮށްފައެވެ. އަދި އެކްސްކޯއިން އަންހެނަކަށް ޖާގައެއް ކަށަވަރުކޮށް އެފްއޭއެމުގެ ނާއިބް ރައީސްގެ ގޮތުގައި ވެސް ހުންނެވީ އަންހެން ބޭފުޅެކެވެ. އެއީ ގިނަ ކުޅިވަރުތަކެއްގައި މަޝްހޫރުކަން ހޯދު ކުރީގެ އެއްވަނަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.