ކުޅިވަރު

އެންމެ މޮޅު ކުޅުންތެރިން ތިބީ ރެއާލް މެޑްރިޑްގައި - މެސީ


ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިން ތިބީ ރެއާލް މެޑްރިޑުގައި ކަމަށް ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ބުނެފައެވެ.
އާޖެންޓީނާގެ ކެޕްޓަން ބުނީ މީގެ ސަބަބުން މުޅި ޓީމަށް ރަނގަޅަށް ނުކުޅެވޭ މެޗުތަކުގައި ވެސް ރެއާލް މެޑްރިޑް މޮޅުވަމުން އަންނަ ކަމަށެވެ. މެސީ ބުނީ ބާސެލޯނާ އަށް ޖެހެނީ ވަރަށް މަސައްކަތުން ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރަންކަމަށެވެ. އަދި ދެޓީމުގެ ތަފާތަކީ މިއީ ކަމަށްވެސް މެސީ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދި މެސީ ބުނީ ކޮންމެ އަހަރަކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އޭނާ ބޭނުން ވާކަމަށެވެ.

އޭނާ ބުނީ ކަންތައްތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭނާ އަށް ބާސެލޯނާ އަށްވުރެ ވަކި ރަނގަޅު ކުލަބެއް ނުލިބޭނެ ކަމަށެވެ.

ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާ ދޫކޮށްލި ބްރެޒިލްގެ ނޭމާ އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވެއްޖެނަމަ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް މެސީ ވަނީ ބުނެފައެވެ.