ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، މި ދާއިރާ ފުޅާކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް ބާއްވާ މަޝްވަރާތަކުގެ 2 ވަނަ ބައްދަލުވުން ފަށައިފިއެވެ. މިނިސްޓްރީ އޮފް އެންވައިރޮންމަންޓުން އިންތިޒާމް ކޮށްގެން ބާއްވާ ސާފު ހަކަތައިގެ މަގުޗާޓު އެކުަލަވާލުމުގެ ބައްދަލުވުމަކީ އިއާދަކުރަނިވި ހަކަތައިގެ ދައިރާއިން 2018 އިން ފެށިގެން 2025އަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަގުޗާޓެއް އެކުލާވާލުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި މަޝްވަރާތައް ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ޡޯރިޤް އިބްރާހީމް ވިދާޅުވީ މިކަމަކީ ސަރުކާރުން ކުރާ ހޭދަ އެތަށްގުނައަކަށް ކުޑަވެ، އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އިއާދަކުރަނި ހަކަތައާއި ގުޅޭ މަގު ޗާޓުގެ މަޝްވަރާތަކުގައި މިދާއިރާގެ ޤަވާއިދުތަކާއި ސިޔާސަތުތަކާއި ޕްލޭންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް އެތަކެތި މުރާޢާޖާކުރާނެއެވެ. މިއީ ރާއްޖޭގައި މިފަދަ މަގުޗާޓެއް އެކުލަވާލާ ފުރަތަމަ ފަހަރު ކަމަށާއި، މީގެސަބަބުން ރާއްޖޭގެ މާޙައުލަށް އެންމެ އެކަށީގެންވާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ ފޯރުކޮށްދެވޭނެކަމަށް އެންވައިރޮންމަންޓް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތަގެ ވަސީލަތްތައް އާއްމުވުމުން ޖައްވަށް ދޫކުރާ ވިހަ މާއްދާތަކުގެ ސަބަބުން ސިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން އެންވައިރޮންމަންޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން ކުރިއަށްގެންދާ މަގުޗާޓު އެލުލަވާލުމާއި ގުޅޭ މަޝްވަރާ ބައްދަލުވުން ކުރިއަށްދަނީ ބައިނަލްއަޤްވާމީ މާހިރުންގެ ފަންނީ ލަފާގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން ތެޔޮ ބޭނުން ކޮށްގެން އުފައްދާ ހަކަތައިގެ ނިސްބަތް 70 އިންސައްތައަށް ކުޑަކުރުމަށް ވަނީ އަމާޒުހިފާފައެވެ. މިކަމާއި ގުޅޭގޮތުން ބާއްވަމުންދާ މަޝްވަރާތަކުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވެއެވެ.
މިއަދު ބާއްވާ މިބައްދަލުވުމަކީ މިކަމާއިގުޅޭ ގޮތުން ބާއްވާ ދެވަނަ ބައްދަލުވުމެވެ. އަދި ސާފު ހަކަތައިގެ މަގުޗާޓް އެކުލަވާލުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިމޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ. ފައިނަލް މަގު ޗާޓު އެކުލަވާލާނީ މަގުޗާޓުގައި ހިމެނޭ މުހިންމު ކަންކަން ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްސާކޮށް އެކަންކަމަށް މަޝްވަރާކުރުމަށްފަހު އެފަރާތްތަކުގެ ޙިޔާލާއިއެކުކަމަށް އެންވައިރޮންމަންޓް މިނިސްޓްރީން ބުނެއެވެ.