ކުޅިވަރު

100 ޕޮއިންޓް ލިބޭނެ ކަމަށް އަދިވެސް ޤަބޫލެއްނުކުރަން: ގާޑިއޯލާ


ރެކޯޑް އަދަދެއް ކަމަށްވާ 100 ޕޮއިންޓް ހޯދައިގެން އިނގިރޭސި ޕްރެމިއަރ ލީގު މެންޗެސްޓާ ސިޓީން ނިންމާލި ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަށް އަދިވެސް ޤަބޫލު ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ބުނެފި އެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ 100 ޕޮއިންޓް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އަމިއްލަ ދަނޑުގައި 50 ޕޮއިންޓް އަދި ރަށުން ބޭރުގައި 50 ޕޮއިންޓް ލިބުމުން ދޭހަކޮށްދެނީ އޭނާގެ ޓީމު ކޮންސިސްޓެންސީ ރަނގަޅުކަން ކަމަށެވެ.

"100 ޕޮއިންޓް ލިބުން މިއީ އަހަރެން ޤަބޫލު ވެސް ނުކުރާ ކަމެއް. އަދަދުން ބަލާނަމަ މިއަށްވުރެ އިތުރަށް ވެސް މިކަމެއް ނުކުރެވޭނެ. އެކަމަކު ކުޅުން ރަނގަޅު ކުރެވިދާނެ. އެންމެ ގިނަ ޕޮޮއިންޓް ހޯދުން. އެންމެ ގިނަ ގޯލު ޖެހުން، އެންމެ ގިނަ މެޗުން މޮޅުވުމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަން ސިޓީން 100 ޕޮއިންޓް ހޯދުމަކީ އިނގިރޭސި ލީގުގައި ރެކޯޑެކެވެ. މި ރެކޯޑް އެމީހުން ހެދީ ސީޒަނުގެ ފަހު މެޗުގައި ރޭ ސައުތެމްޓަން ކޮޅަށް އިތުރު ވަގުތުގައި ގަބްރިއަލް ޖެސޫސް ޖެހި ގޯލުންނެވެ. މި ގޯލާއެކު ޖާޒީ ބާލައި ޖެސޫސް ދުއްވައިގަތުމުން ގާޑިއޯލާ ވެސް ވަރަށް ބޮޑަށް އުފާފާޅުކޮށް ކުޅުންތެރިންނާ ބައިވެރިވުމަށް ޓަޗް ލައިނަށް ދުވެފައި ދިޔައެވެ.

"މި މެޗަކީ ވަރަށް އުނދަގޫ މެޗެއް. އެ މީހުން ވަރަށް ރަނގަޅަށް ކުޅެ، ޑިފެންސް ކުރަމުންދިޔައީ. ދެ ސެންޓްރަލް ޑިފެންޑަރުން ޑިފެންސްކުރީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން. އަހަރުމެންގެ ޓީމުގައި ގިނައިން ތިބީ ބަދަލު ކުޅުންތެރިން. މިއީ ހޫނު ދުވަހެއް. މެޗު ވަރަށް ވާދަވެރި. އެންމެ ފަހު ވަގުތުގެ ގޯލުން ރެކޯޑެއް ހެދުމުން އަހަރެން ވެސް ވީ އުފަލުން ދުއްވައިގަނެވުނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕަށްފަހު ކުޅުންތެރިން އާ ސީޒަނަށް ތައްޔާރުވާން ފަށާނެ ކަމަށާއި ސިޓީން ބަލާނީ ތަށި ދިފާއު ކުރަން ކަމަށެވެ.