މާހެފުމަކީ ޙަރާމް ކަމެއް ނޫން ކަމަށާއި އެކަމަށް ދީނީ ޙުކުމެއް ނެރެންނުޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
ރަމަޞާން މަހުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ޙަރަކާތްތައް އިފްތިތާޙް ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ، މާހެފުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައެއް ކަމަށާއި އެއީ ދިވެހިންގެ ސަޤާފަތުގެ ބައެއްކަމަށެވެ. އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ މާހެފުމަކީ ދީނީ ގޮތުން ކުރުން ހުއްދަ ކަމެއް ނޫން ކަމަށްބުނެ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވާހަކަދައްކަވާފައި ވަނިކޮށެވެ. އަދި މިނިސްޓަރ ޒިޔާދު ވަނީ މާހެފުމަކީ ޙަރާން ކަމެއް ކަމަށްބުނެ ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާފައިވާކަން ފާހަގަކޮށް އެކަން ދީނުގަ އޮންނަ ގޮތް ތަފްޟީލް ކޮށްދެއްވާފައެވެ.
"އެހެންވީމަ މިއަދު އަޅުގަނޑު ތާރީޚީ ނަޒަރަކުން އެ ހާދިސާއަށް އަލިއަޅުވާލުމަށްފަހު ރާއްޖޭގައި މިވަގުތު އިސްލާމްދީނުގެ ކަންކަން ހަވާލުވެ ހުރި މީހެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ދަންނަވާލާނީ މިކަމަކީ ދީނީ ގޮތުން ހަރާން ކަމެއް ނޫނޭ. މިއީ ރާއްޖޭގައި ދީނީ ގޮތުން ކުރަމުންދިޔަ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ތާރީޚީ ގޮތުން އެނގިގެން ގޮސްފި. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އާދަކާދައެއް. ސަޤާފަތެއް،" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކީރީތި ރަސޫލާ ރިސާލަތައިގެން ވަޑައިގެންނެވިއިރު ޢަރަބިންގެ ތެރޭގައި ހުރި ވަރަށް ގިނަ އާދަކާދަތައް ދީނީ ޙުކުމްތަކަށް ބަދަލުވެގެންދިޔަ ކަމަށެވެ. އެގޮތުން މެހެމާންދާރީ އަދާކުރުމަކީ ޢަރަބިންގެ ތެރޭގައި ވަރަށް ކުރީއްސުރެ އޮންނަ އާދައެއް ކަމަށެވެ. ނަމަވެސް އެކަމަކީ ދީނީ ޙުކުމަކަށް ބަދަލުވެފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އެގޮތުން ރަމަޞާން މަހުގެ ރޭތަށް އިހިޔާ ކުރުމާއި މާލޭގެ ހަތް މިސްކިތެއްގައި އަޞްރު ނަމާދަށްފަހު ދީނީ ދަރުޘް ދިނުމާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ ކީރިތި ޤުރުޢާން ކިޔެވުމުގެ މުބާރާތް ބޭއްވުން ހިމެނެއެވެ. އަދި މިއަހަރުގެ ރަމަޟާން މަހު، ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް ބާއްވާ ބައިނަލްޢަޤުވާމީ ޤްރުޢާން މުބާރާތް، ނޫރުލް މުބީންވެސް ކުރިއަށްދާނެއެވެ.