މިދިޔަ އަހަރު އަމާނާ ތަކާފުލްއަށް ޖުމްލަ ފައިދާގެ ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 228 އިންސައްތައިގެ ކުރިއެރުމެކެވެ.
އަމާނާތަކަފުލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 2017 ވަނަ އަހަރު ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން 3.9 މިލިއަން ރުފިޔާ ލިބިފައިވާކަން ވަނީ ހަމަކޮށްފައެވެ. މިއީ 2016 ވަނަ އަހަރާއި އަޅާބަލާއިރު 87.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އަމާނާތަކަފުލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން އަމާނާތަކަފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރިޔާޒް ވިދާޅުވީ، މި ނަތީޖާއަށް ވާސިލްވުމުގައި ގިނަ ކަންތައްތަކެއް ޝާމިލްވާކަމަށެވެ. އޭގެތެރޭގައި ޑިސްޓްރިބިއުޝަން ޗެނަލްތައް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފަރުވާތެރިކަމާއެކު ރޭޓުތައް ކަނޑައެޅުމަށް ގެނެވުނު އިސްލާހުތަކާއި، ޓެކްނޮލޮޖީއާއި ގުޅުވައިގެން ހޯދުނު ހައްލުތަކާއި، ޗެނަލްތައް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތް ރިޔާޒް ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިންޝުއަރެންސްގެ ބަދަލުގެ ކަންކަން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައްވެސް އަމާނާތަކަފުލްއިން ފާހަގަކުރެއެވެ.
"އަޅުގަނޑުމެން އަސްލުގަ މި ކުންފުނިތެރޭގައި ހަރުދަނާ ކުރުމުގެ ގޮތުން މިވަނީ ވަރަށް ބޮޑަށް އިންޝުއަރެންސް ޙިދުމަތްތައް ފޯރުކޮށްދޭ ޗެނަލްތައް އިތުރުކޮށްފަ. ޗެނަލްތަކޭ އަޅުގަނޑު މިދަންނަވަނީ އެޖެންޓުންގެ ޙިދުމަތް ފުޅާކުރަމުން އަޅުގަނޑުމެން މިދަނީ. ދެންއަނެއްކާ އެޖެންޓުންނަށް މިހާރު އެމީހުން ތިބޭތަނެއްގަ ތިބެގެން ޕޮލިސީ އިޝޫކުރެވޭނެ." އިބްރާހިމް ރިޔާޒް ވިދާޅުވިއެވެ.
އަމާނާތަކަފުލްއިން ހިއްސާއެއްގެ މޫނުމަތީ އަގުގެ 10 އިންސައްތަ ޙިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ވަނީ ނިންމާފައެވެ. އަމާނާތަކަފުލްއަކީ އިސްލާމީ ޝަރީޢާގެ އުސޫލުން އިންޝުއަރެންސް ވިޔަފާރި ހިންގާ ކުންފުނީގެ ގޮތުގައި ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި ކުންފުންޏެވެ.
މިއީ އެ ކުންފުނިން އަހަރީ އާންމު ޖަލްސާ ބޭއްވި ހަތްވަނަ އަހަރެވެ. ހިއްސާގެ ދަފްތަރު ބަންދުކުރާނެ ތާރީޚަކީ މިމަހުގެ 15 ކަމަށް އަމާނާތަކަފުލްއިން ބުނެއެވެ. އެމުއްދަތުގެ ނިޔަލަށް ހިއްސާގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ޑިވިޑެންޑް ލިބުމަށް ޝަރުތުހަމަވާނެކަމަށް އެކުންފުނިން ބުނެއެވެ.