ޚަބަރު

ޓީޓީއެމް ފެއާ: 1.7 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކާމެދު މަޝްވާރާކުރި


މި ފަހަރުގެ ޓީޓީއެމް ފެއަރގެ ބައްދަލުވުންތަކުގެ ތެރޭގައި ޖުމްލަ 1.7 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކާއި މެދު މަޝްވާރާކޮށްފައިވާކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެފިއެވެ. މި ބައްދަލުވުންތަކުގައި ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވާކަމަށް ގެޓަވޭސް އިން ބުނެއެވެ.

ދެވަނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ އަމިއްލަ ފަބްލިކް ރިލޭޝަންސް ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ގެޓަވޭޒްއިން ބޭއްވި ފެއަރއެކެވެ. ތަފާތު ބައިތަކެއްގެ މައްޗަށް އެކުލެވިގެން ކުރިއަށްދިޔަ މިފެއަރ ބާއްވާފައިވަނީ ދަރުބާރުގެއާއި ދެ ރިޒޯޓެއްގައެވެ. މިފަހަރުގެ ޓީޓީއެމް ފެއާއާ ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން، މޯލްޑިވްސް ގެޓަވޭޒްގެ ސީއީއޯ ފްރާތް މުހައްމަދު ވިދާޅުވީ މިފަހަރުގެ އިވެންޓް މިދިޔަ އަހަރަށްވުރެވެސް ކާމިޔާބުކަމަށާ، ޚާއްސަކޮށް ޓީޓީއެމްގެ ތެރެއިން ކުރިއަށްދިޔަ ޕްރީޝެޑިއުލް މީޓީންގތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާއަށް ފައިދާހުރި ގިނަ މަޝްރޫޢުތަކަކަށް މަގުފަހި ވެފައިވާކަށެވެ.

"ޕްރޯ ޝެޑިއުލް މީޓީންގްސްތަކުގައި 150 ރިޒޯޓުން ބައިވި، އަދި ބޭރުގެ 220 އެޖެންޓުން ބައިވެރިވެ 4ހާހަށްވުރެ ގިނަ މީޓިންގް ކުރިޔަށްދިޔަ. އެއީ އަޅުގަނޑުމެން ބަލާގޮތުގައި ގައިގަނޑަކަށް 1.7 ބިލިއަން ޑޮލާޒް ވޯތް އޮފް ކޮންޓްރެކްސްޓް ޑިސްކަސްވެގެންގޮސް ރާއްޖޭގެ އިކޮނޮމީއަށް އަޅުގަނޑުމެން އަމިއްލަ ކުންފުންޔަކަށްވެހުރެ ކޮށްދެވުނު ކޮންޓްރިބިއުޝަނެއް."

މޯލްޑިވްސް ގެޓަވޭޒް ސީއީއޯ ފްރާތު މުހައްމަދު

ޓީޓީއެމްގެ ދަށުން ބޭއްވި ހޮޓެލިއަރ ސަމިޓު ބާއްވާފައިވަނީ އޭޕްރިލް މަހުގެ 30 އިން މެއިމަހުގެ 5 އާހަމައަށް 150 އަށްވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާއި ހޮޓެލް އޯނަރުން ބައިވެރިކޮށްގެންނެވެ. މިފަހަރު ޓީޓީއެމް ފެއާގެތެރެއިން ވަނީ އާ ކޮންޕޯނެންޓެއްގެގޮތުގައި ސަޕްލައި އެކްސްޕޯއެއްވެސް ބާއްވާފައެވެ. މިއެކްސްޕޯގައި 23 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު، ދައުވަތުދީގެން 100އަށްވުރެ ގިނަ ރިސޯޓުގެ ފަރާތުންނާއި، ފަތުރުވެރިކަމާ ގުޅުން ހުރި ޕޮޓެންޝަލް ކުންފުނިތަކުގެ ފަރާތުން ވަނީ ޒިޔާރަތްކޮށްފައެވެ. ސަޕްލައިއެކްޕޯގެ ބައިވެރިވި ފަރާތްތަކުން މިއިވެންޓް ސިފަކޮށްފައިވަނީ ވަރަށް ކާމިޔާބު އިވެންޓެއްގެ ގޮތުގައެވެ.

މޯލްޑިވްސް ގެޓަވޭޒްއިން ބުނީ މިއަންނަ އަހަރުގެ ޓީޓީއެމް ފެއާ މިފަހަރަށްވުރެވެސް ބޮޑުވާނެކަމަށާ، މިއަންނަ އަހަރު "ޓްރެވަލް ޓްރޭޑް ސްރީލަންކާ"ގެ ނަމުގައި އެމީހުންގެ އައު އިވެންޓެއްވެސް ބާއްވަން މަސައްކަތްކުރަމުންދަކަމަށެވެ.