އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީން ގެންގުޅޭ މިންގަނޑުތަކާއި، އުޞޫލުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް އެއްބާރުލުންދެއްވާނެކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 45 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤްރީރު ކުރައްވަމުންނެވެ.
ފޮރިން މިނިސްޓަރ ޑރ. ޢާޞިމްގެ ވާހަކަފުޅުގައި، މުސްލިމް އުއްމަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، އޯ.އައި.ސީން ގެންގުޅޭ މިންގަނޑުތަކާއި އުޞޫލުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް އިޙްތިރާމްކޮށް، އެކަންކަމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި މުސްލިމުންނަށް ދިމާވަމުންދާ ތަފާތު ކަންކަމާއި ކުރިމަތިލުމުގައި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުން އެއް ބަހެއް ކިޔަންޖެހޭކަމަށާއި، އިސްލާމްދީނާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް މެމްބަރު ޤައުމުތަކުން ސާބިތުކަމާއެކު މަސައްކަތް ކުރުމަށް މިނިސްޓަރ ޢާޞިމް ވަނީ ގޮވާލައްވާފައެވެ.
ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާޢީދުކުރާނެކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޤަވާއިދުތަކަށް ގޮންޖެހުމަށްފަހު، މުސްލިމުންގެ އެންމެ މުއްޤަދަސް އެއް ބިންކަމަށްވާ ޤުދުސް އިސްރާޢީލުގެ ވެރިރަށަށް ބަދަލު ކުރަން ނިންމި ނިންމުން ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ފޮރިން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިޔަންމާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންދާ ޖަރީމާ ހުއްޓުވާ، އެކަންކަން ހަމަމަގަށް އެޅުވުމަށް މުޅި މުސްލިމް އުއްމަތް އެކުގައި މަސައްކަތް ކުރުމަށް ޑރ. ޢާޞިމް ވަނީ އޯ.އައި.ސީގެ ހުރިހާ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.
ހަމައެހެންމެ، އދ. ގެ ތަންފީޒީ އިދާރާތަކުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނެ، ގޮތް ނިންމުމުގެ ފުރުޞަތު އޮންނަންވާނެކަން ފާހަގަކުރައްވާ، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށްއޮތް ދައުރަށް އިންތިޙާބުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލްވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
މިއަހަރުގެ ބައްދަލުވުމަށް އޯ.އައި.ސީން ކަނޑައަޅާފައިވާ ޝީއާރަކީ "އިސްލާމިކް ވެލިއުޒް ފޯ ސަސްޓައިނަބަލް ޕީސް، ސޮލިޑޭރަޓީ އެންޑް ޑިވެލޮޕްމަންޓް" ނުވަތަ ސުލްހަ މަސަލަސްކަން ޤާއިމުކުރުމާއި، ތަރައްޤީ ގެނެއުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލްތައް ދެމެހެއްޓުމުގެ މުހިއްމުކަމެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުނަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކާއި، މުސްލިމުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ތަފާތު މައްސަލަތަކުގެ އިތުރުން، އިސްލާމްދީނާއި ދެކޮޅަށް ނުވަތަ އިސްލާމްދީން ފޮހެލުމަށް ކުރަމުންދާ މަސައްކަތްތަކާއި، ދީނީގޮތުން ހައްދުފަހަނައަޅާދިޔުމާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން، އިންސާނިއްޔަތާއި ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ޖަރިމާތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.
އޯ.އައި.ސީއަކީ މުސްލިމް އުއްމަތަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މުސްލިމް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި 1969 ވަނަ އަހަރު އުފެދުނު ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑެތި ޤައުމުތައް ހިމެނޭހެން ޖުމްލަ 57 ޤައުމު ތަމްސީލްކުރެއެވެ. އޯ.އައި.ސީގެ މެންބަރަކަށް ދިވެހިރާއްޖެއިން ވެފައިވަނީ 26 ޖުލައި 1976 ގައެވެ.