ޚަބަރު

ރޯދައަށް ތައްޔާރުވުމަށް ނޫރާނީ ސްކޫލުގައި ކޭމްޕެއް ބާއްވައިފި


ރޯދަމަހަށް ދަރިވަރުން ތައްޔާރުވުމުގެ ގޮތުން އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކުލުގައި ރޯދަ ކޭމްޕެއް ބާއްވައިފިއެވެ.

މި މަހުގެ 2 އިން 3 އަށް ކުރިއަށް ގެންދިޔަ މިކޭމްޕް ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުން ރޯދަމަހުގެ ދުވަސްތަށް ހެޔޮގޮތުގައި ބޭނުން ކުރުމަށް ހިިއްވަރުދީ، އެމަހުގެ ޘަވާބާއި ދަރުމަ ހޯދުމުގެ ޝައުގުވެރިކަން އުފެއްދުން ކަމުގައި އެސްކޫލުން ބުނެއެވެ. މި ކޭމްޕުގައި ގްރޭޑް 1 އިން 6 އާ ދެމެދުގެ ހުރިހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މިކޭމްޕުގައި ދީނީ އިލްމުވެރިންް ވަނީ ދަރިވަރުންނަށް ރޯދަ މަހުގެ މަތިވެރިކަމާއި، ލައިލަތުލްޤަދްރިގެ މަތިވެރި ކަމާއި ބެހޭ ގޮތުން ދަރުސްތަކެއް ދީފައެވެ. މީގެ އިތުރުން ދަރިވަރުންނަށް ނަމާދު ކުރުމާއި ސަދާޤާތް ކުރުން ފަދަ ކަންކަމަށް އަހަމީއްޔަތުކަން ދިނުމަން ވަނީ އުނގަންނައިދީފައެވެ. ނަމާދު ކުރުމުގެ ސުންނަތްތަކާއި އެހެނިހެން ކަންކަން ވެސް މުދައްރިއްސުންގެ ބެލުމުގެ ދަށުން ދަރިވަރުން މިސްކިތްތަކަށް ގެންގޮސް މި ކޭމްޕުގައި ދަސްކޮއްދީފައެވެ.

މީގެ އިތުރުން މިކޭމްޕުގައި ދަރިވަރުންވަނީ ސުންނަތް ރޯދައެއްވެސް ހިފާފައެވެ. މި ރޯދައިގައި ދަރިވަރުންގެ އިތުރުން މުދައްރިއްސުން ވެސް ވަނީ ބައިވެރިވެފައެވެ. ކޭމްޕް ނިންމާލާފައިވަނީ ރޯދަވީއްލުމަށް ފަހުގައެވެ.

މިކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނުރާނީ ސްކޫލުގެ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވީ މިފަދަ ހަރަކާތްތައް އެހެން ސްކޫލުތަކުގައިވެސް ކުރިއަށް ގެންގޮސް ކުދިންގެ މެދުގައި ދީނީ ރޫޙު އާލާކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުގެ އުއްމީދަކީ މިކަހަލަ ކަންތަައްތަށް އެހެން ސްކޫލްތަކުގައިވެސް ކުރިއަށް ގެންދިއުން. މީގެ ސަބަބުން ދަރިވަރުންގެ ހިތުގައި ދީނީ ރޫޙު އާލާވެ، ދީނީ ކަންތައްތަކަށް ކުދިންގެ ހިތުގައި އިހުނަށްވުރެ ބޮޑަށް ލޯބި ޖެހި މިކަންތަށްތަށް އާލާވެގެން ދިއުން، އަޅުގަނޑުމެންގެ އުއްމީދަކީ. އަޅުގަނޑު އުއްމީދު ކުރަން ހުރިހާ ސްކޫލެއްގައި ވެސް މިކަހަލަ ހަރަކާތްތަށް ކުރިއަށްގެންދާނެ ކަމަށް " ހަސަން ޒަރީރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ދެ ސަރަހައްދެއްގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް ވަނީ ޤާއިމް ކޮއްފައެވެ. އެގޮތުން ނޫރާނީ ސްކޫލަކީ ދެކުނުގައި ޤާއިމް ކުރި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެވެ. މި ސްކޫލުގައި އިނގިރޭސި ދިވެހި ފިޔަވައި ހުރިހާ މާއްދާއެއްވެސް ކިޔަވައިދެނީ އަރަބި ބަހުންނެވެ.