ކާރިޘާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެން.ޑީ.އެމް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލާއި ދެމެދު ސޮއިކޮށްފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެން.ޑީ.އެމް.ސީގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރެވެ. އަދި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ކޮންމެ ޤައުމެއްގައިވެސް ވައިގެ ބަނދަރުތަކަކީ ފަސިންޖަރުންގެ އިތުރުން އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ޙާއްސަ ފިޔަވަޅުތަކެއް އަޅާ ތަނެއްކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭކަންކަން ދަޢުލަތުގެ އިދާރާތަކާއި ގުޅިގެން އެކުންފުނިން ކުރަމުންދާކަމަށާއި އެން.ޑީ.އެމް.ސީއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.
އެން.ޑީ.އެމް.ސީގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ސެންޓަރުގެ އެމެޖެންސީ އޮޕަރޭޝަންސްގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ފަރޫޝާ ޢަލީ ނަޞީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ގުދުރަތީ ކާރިޘާތަކުގެ އިތުރުން އެނޫންވެސް ކާރިޘާތަކުގެ ވަގުތުގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި ގުޅޭގޮތުން އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިފަދަ އެއްބަސްވުމެއްގެ ސަބަބުން ކާރިޘާގެ ވަގުތުތަކުގައި މަޢުލޫމާތު ބަދަލުކުރުމާއި، މުވާސަލާތު ކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުދަނާވެ ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެކަން ފަރޫޝާ ފާހަގަކުރެއްވިއެވެ.
މިފަދަ އެއްބަސްވުމެއްގެ ސަބަބުން ކާރިޘާގެ ވަގުތުތަކުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ނުވަތަ ގެއްލުންތައް ކުޑަކުރުމަށް ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އެކުންފުނިން މިހާރުވެސް އަންނަނީ ޑިފެންސް މިނިސްޓްރީއާއި އޭވިއޭޝަން އޮތޯރިޓީއާއި ގުޅިގެން އެއަރޕޯޓުގެ ސަލާމަތީކަންކަން އިތުރަށް ފުރިހަމަށް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.