16 އަހަރުން ދަށުގެ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ ޗެންޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ބައިގެ ޗެންޕިއަންކަންވެސް ލަންކާގެ ކްލަބަކުން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ލަންކާގެ ކޭންޑީ ޑިސްޓްރިކްޓްއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ކަލާފާނު ސްކޫލާ ވާދަކޮށް 16 ޕޮއިންޓްގެ ތަފާތުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ކޭންޑީ ޑިސްޓްރިކްޓް ޓީމުން ކާމިޔާބުކުރީ 51 ޕޮއިންޓް 35 ޕޮއިންޓުންނެވެ. ކަލާފާނު ސްކޫލުން ވަނީ މި މެޗުގެ ކުރީކޮޅު ލީޑު ނަގައިގެން މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް ލަންކާގެ ކްލަބުން ވަނީ ފަހަތުން އަރާ ކަލާފަނުގެ މައްޗަށް ބޮޑު ލީޑެއް ނަގާ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ ލަންކާގެ ލައިސަމް އިންޓަރނޭޝަނަލް ސްކޫލާއި ކޭންޑީ ޑިސްޓްރިކްޓް ޓީމެވެ. މި މެޗު ފަސޭހަކަމާއެކު 81 ޕޮއިންޓް 57 ޕޮއިންޓުން ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ލައިސަމް އިންޓަރނޭޝަނަލް ސްކޫލެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ކަލާފަނު ސްކޫލްގެ ދެ ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ. އެއީ އައިޝަތު ރާއީ ހަމްޒާއާއި އައިޝަތު އީނާޝްއެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރާއްޖޭގެ އެންމެ ކުޅުންތެރިއެކެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ މުހައްމަދު އައިކް ނީޝަމްއެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ކޭންޑީ ޑިސްޓްރިކް ޓީމުގެ ސުއެމިނީ ރަނަރާޖާއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކީ ލައިސަމް އިންޓަރނޭޝަނަލް ސްކޫލުގެ އިމާދު ހުސައިންއެވެ.
ރާއްޖޭން ބޭރުގެ ތިން ޓީމަކާއެކު ޖުމްލަ އެގާރާ ޓީމް މުބާރާތުގައި ވާދަކުރިއެވެ.