ކުޅިވަރު

ތަށި މިލްކްކުރަން ރެއާލް ފައިނަލަށް!


ގޯލްކީޕަރު ކޭލާ ނަވާސް ކުރި މޮޅު ސޭވްތަކާއި، ފޯވަޑް ކަރީމް ބެންޒެމާ ޖެހި ދެ ގޯލުން 4-3ގެ އެގްރީގޭޓުން ބަޔާން މިއުނިކް ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ތަށީ ދިފާއު ކުރުމަށް ރެއާލްއަށް ފުރުސަތު ލިބުނީ ރޭގެ މެޗު 2-2 ން އެއްވަރުވުމުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން އެންމެ މޮޅު ކުޅުމެއް ދެއްކީ ކީޕަރު ނަވާސްއެވެ. އޭނާ ވަނީ މެޗުގައި މޮޅު އަށް ސޭވް ކޮށްފައެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ރެއާލް ހޯދި ތަށި ދިފައު ކުރަން އެ ޓީމަށް ފުރުސަތު ލިބިފައިވާއިރު ފައިނަލުގައި ކުޅޭނީ ސެމީގެ ފަހު މެޗުގައި ރޯމާ އާއި ލިވަޕޫލް ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.
ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނީ ރޭގެ މެޗު ޑޮމިނޭޓްކުރީ ބަޔާން މިއުނިކް ކަމަށާއި، ނަމަވެސް ރެއާލް މެޑްރިޑުން ހުރިހާ އެޑްވާންޓޭޖެއްގެ ބޭނުން ހިފި ކަމަށެވެ.

"ބަޔާން ވަރަށް ދެރަވާނެ މެޗު ކާމިޔާބު ނުކުރެވުމުން. އެމީހުން މުޅި މެޗު ޑޮމިނޭޓްކުރީ. އެކަމަކު ރެއާލް މެޑްރިޑުން ދައްކައިދިނީ އެމީހުންނަކީ މި މުބާރާތުގެ ހަޤީގީ ޗެމްޕިއަނުންކަން،" 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލްގެ ކެޕްޓަން ބުންޏެވެ.

ފްރޭންކް ލަމްޕާޑު ބުނީ ކުރީ ދެ އަހަރާ ހިލާފަށް ރެއާލް މެޑްރިޑްގެ ބަލިފައިތައް ގިނަ ކަމަށާއި، ނަމަވެސް ތަޖުރިބާގެ ބޭނުން ރެއާލް މެޑްރިޑުން ހިފަމުން އަންނަ ކަމަށެވެ.
އިނގިރޭސި ކުރީގެ ޑިފެންޑަރު އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ރިއޯ ފަޑިނަންޑް ބުނީ ރެއާލް މެޑްރިޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ލިބުނީ ނަސީބަކުން ކަމަށެވެ.

"އެމީހުން ވަރަށް ގިނަ މިސްޓޭކް ހަދައިފި. އެކަަމަކު ނަސީބު ވެސް ރަނގަޅު ކަމުން ފައިނަލަށް އެދިޔައީ. ރެއާލް އެބަދައްކައިދޭ މި މުބާރާތް ކާމިޔާބުކުރަން އެމީހުން ބޭނުންވާ މިންވަރާއި ތަޖުރިބާގެ ބޭނުން ހިފަންޖެހޭ މިންވަރު،" ފާޑިނަންޑް ބުންޏެވެ.