7 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މިއަހަރުގެ ފޯރަމްގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 83 މަންދޫބުން ބައިވެރި ވިއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް 2018 ޝަރަފްވެރިކޮށްދެއްވީ އެމްއެމްއޭގެ ގަވަރނަރ އަޙްމަދު ނަޞީރުއެވެ. ފައިނޭންސް ފޯރަމް އިފްތިތާޙުކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގަވަރނަރ އަޙްމަދު ނަޞީރުވަނީ ރާއްޖޭގެ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް މޯލްޑިވްސް ފައިނޭންސް ފޯރަމް އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އަދި ގަވަރުނަރު އަޙްމަދު ނަސީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ޚަރަދުތައް ކުރަމުންދާ މި ދަނޑިވަޅުގައި މާލީ ކަންކަމާއި ދަރަނި މެނޭޖުނުކުރެވޭނަމަ ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކަށް ދަރަނީގެ ސަބަބުން ދިމާވާފަދަ ގޮންޖެހުންތައް ރާއްޖެއަށް މެދުވެރިވުމުގެ ބިރު އެބައޮތްކަމަށެވެ. އަދި ދަރަނި މެނޭޖްކުރުމަކީ އޭގެ ސަބަބުން ފައިދާކުރާނެ ކަމެއްކަން ގަވަރުނަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޕެންޝަން އޮނިގަނޑުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވުން ގަވަރނަރ ނަޞީރު ވިދާޅުވީ، ރާއްޖޭގެ މުސްކުޅިވަމުންދާ އާބާދީއާއެކު، އިސް ރައްވެހިންނަށް ޕެންޝަން ދިނުމުގައި ދިމާވާވެދާނެ ދަތިތައް ޙައްލު ގެނައުމަށް ދުރާލާ ފަންޑު ހޯދަން ޖެހޭކަމަށެވެ. ކުރިއަށް އޮތް 35 އަހަރު ތެރޭގައި ރާއްޖޭގެ އާބާދީގައި އިސްރަށްވެހިންގެ ނިސްބަތް އިތުރުވާނެކަމަށް ލަފާކުރެވޭ އިރު، އެކަމުގެ ސަބަބުން ޕެންޝަން ފައިސާ ދިނުމުގައި ދައުލަތުން އުފުލަންޖެހޭނެ ބުރައަށް ވިސްނައި، ދަޢުލަތުގެ ބަޖެޓު އިތުރުކުރާނެ ގޮތްތަކެއް ނުވަތަ އެ ޙާލަތަށް ބޭނުންވާނެ ފައިސާ އުފައްދާނެ ގޮތްތަކެއް މިހާރުއްސުރެ ހޯދުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ބައިވެރިވި ބައެއް ބައިވެރިން ބުނީ މި ފޯރަމްގެ ސަބަބުން އިންވެސްޓްކުރާނެ އައު ދާއިރާތައް އެނގިގެން ހިނގައްޖެކަމަށެވެ. އަދި ފައިނޭންސް ދާއިރާގައި ހުރި ފުރުޞަތުތަކާއި މިދާއިރާގެ ކަމާގުޅުންހުރި ބޭފުޅުންނާއި ބައްދަލުވެ މަޢުލޫމާތު ބަދަލުކުރެވުނުކަމަށެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމްގެ ޝިޢާރަކީ "އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުން ގެނައުމަށްޓަކައި ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސް ހޯދުމުގައި މާލީ މުއައްސަސާތަކުގެ ދައުރު"، މިއެވެ. މި ފޯރަމްގެ ތެރެއިން، ހޮރައިޒަން ޕާޓްނަރސް ލިމިޑެޓްގެ މެނޭޖިންގ ޕާރޓްނަރ ނިރޯޝް ޑި ސިލްވާ އާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ މެނޭޖަރ ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޜަން އައިމިނަތު އައިވާން ވަނީ ފައިނޭންސް އާއި ބެހޭގޮތުން ބައިވެރިންނާއި މަޢުލޫމާތު ހިއްސާކޮށްފައެވެ.