ޚަބަރު

މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި ތަޤުރީރުކުރައްވާނީ މުފްތީ މެންކް


މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރައްވާނީ ދުނިޔޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްމާޢީލް އިބްނު މޫސާ މެންކް ނުވަތަ މަޝްޙޫރު ނަމުން ނަމަ މުފްތީ މެންކްއަކީ ޒިންބާބްވޭއަށް އުފަން މަޝްޙޫރު ދިނީ ޢިލްމުވެރިއެކެވެ. ސަޢުދީ އަރަބިއްޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއިން އިސްލާމީ ޝަރިޢާގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ އުމުރުން 42 އަހަރުގެ މުފްތީ މެންކަކީ ޒިންބާބްވޭގެ ގްރޭންޑް މުފްތީވެސްމެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްގެ މިއަހަރުގެ ފުރަތަމަ ފޯރަމުގައި ތަޤުރީރުކުރެއްވުމަށް، މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކަށް ދަޢުވަތު އަރުވާފައިވާކަމަށެވެ. އަދި އެމަނިކުފާނު އެކަން ޤަބޫލުކުރައްވައި، އަންނަ މެއިމަހުގެ 16 ވަނަ ދުވަހު ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީގައި މުފްތީ މެންކްގެ ވަރަށް ޙާއްސަ ދީނީ ދަރުޙެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އައްޝައިޙް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

"މިފަހަރު އިޙްޔާ ފޯރަމް އަޅުގަނޑުމެން މިފަށަނީ ބޭރުން އިނގިރޭސިބަހުން ވާހަކަދައްކަވާ ބޭފުޅަކު ގެނެސްގެން. ކުރީގައި އަޅުގަނޑުމެން ބޮޑަށް ޢަރަބި ބޭފުޅުން މި ގެންނަނީ. މިއަހަރު ވަކިން ޙާއްސަކޮށް އަޅުގަނޑުމެން ދަޢުވަތުދީގެން ރާއްޖެ އެބަގެންނަން ވަރަށް މަޝްހޫރު ދާއީއެއްކަމުގައިވާ އިސްލާމްދީނަށް ގޮވާލައްވާ ބޭފުޅެއްކަމުގައިވާ މުފްތީ މެންކް. އެބޭފުޅާއަށް މިހާރު އަޅުގަނޑުމެން ވަނީ ދަޢުވަތު އަރުވާފައި، އަދި އެ ބޭފުޅާވަނީ އެކަން ޤަބޫލުވެސްކުރައްވާފައި. މެއި 16ގައި މުފްތީ މެންކް ރާއްޖެވަޑައިގަންނަވާނީ. އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ބައިވެރިވުމުގެ އިތުރުން، އަޅުގަނޑުމެން ހަމަ ވަރަށް ހާއްސަ އިސްކަމެއްދީގެން އައްޑޫ ސިޓީގައިވެސް އާއްމުކޮށް ހުޅުވާލައިގެން އެބަ ބާއްވަން މުފްތީ މެންކްގެ ވަރަށް ޙާއްސަ ދީނީ ދަރުހެއް" އައްޝައިޙް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ ޕްރޮގްރާމެވެ. މިއީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގައިވެސް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ރޭ އަދި ބުރާސްފަތި ދުވަހުގެ ރޭ އިޙްޔާ ފޯރަމް ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމުގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވަނީ މީގެކުރިންވެސް ރާއްޖެ ވަޑައިގެން ދީނީ ދަރުސެއް ދެއްވާފައެވެ.