ޚަބަރު

އިސްލާމިކް ޔުނިވާސިޓީ ތަރައްޤީކުރުމަށް ސަޢުދީ އަރަބިއްޔާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި


އިސްލާމިކް ޔުނިވާސިޓީ އިތުރަށް ތަރައްޤީކޮށް އެތަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖެ އާއި ސަޢުދީ އަރަބިއްޔާއާއި ދެޤައުމުގެ މެދުގައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޙާއްސަ ދަޢުވަތަކަށް މިހާރު އެޤައުމަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އައްޝައިޙް ޞާލިޙް ބިން ޢަބްދުލްޢަޒީޒްގެ އަރިޙަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުވުން ފުޅާކޮށް އިސްލާމީ ވަޙްދަތު ހިމާޔަތްކުރުމުގެ މަތިވެރި މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޙާއްސަ އިސްނެންގެވުމުގެ މަތީން އުފައްދަވާފައިވާ ޔުނިވަރސިޓީއެއްކަން ފާހަގަކުރައްވާފައެވެ. އަދި އައި.ޔޫ.އެމްގެ ތަރައްޤީއަށް ސަޢުދީ އަރަބިއްޔާގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

އައި.ޔޫ.އެމްގައި ތަފާތު އެކެޑަމިކް ޓްރެއިނިންގތައް ހިންގުމުގެ އިތުރުން ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިސްލާމުދީން ފެތުރުމަށް ކުރަމުންދާ ތަފާތު މަސައްކަތްތަކާ ގުޅޭގޮތުން ޢިލްމީ ދިރާސާތައް ކުރުމުގައި ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރގެ އަރިޙުން ޑރ. ޝަހީމް ވަނީ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ސަޢުދީ އަރަބިއްޔާގެ ފަރާތުން ދިވެހިރާއްޖެއާއި މެދު ބާއްވާ ގާތްކަން ވަކިން ޙާއްސަކޮށް ދިވެހިންނާމެދު ގެންގުޅޭ އަޙުވަންތަކަމުގެ ގާތްގުޅުން ފާހަގަކުރައްވާ، ޑރ. ޝަހީމް ވަނީ ސަޢުދީ ރަސްގެފާނު އަދި ދެ ޙަރަމްގެ ހާދިމު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި، ސަޢުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލް ޢަޒީޒް އަލް ސަޢުދަށް ޙާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ އަރަބިއްޔާގެ ގްރޭންޑް މުފްތީ އައްޝައިޙް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲގެ އަރިޙަށްވެސް ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައިވެސް ދެ ބޭފުޅުން ވަނީ އައި.ޔޫ.އެމް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މުޅި އިސްލާމީ އުއްމަތަށް ގްރޭންޑް މުފްތީ ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވާ، އެކަންކަމަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޝަހީމްގެ މިދަތުރުފުޅުގައި ސަޢޫދީ އަރަބިއްޔާގެ މުހިއްމު 5 ޔުނިވަރސިޓީއަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ވެރިންނާއި ބައްދަލުކުރައްވާ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް އެކި ރޮނގު ރޮނގުން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައްދަލުކުރާ ބޮޑެތި ޔުނިވާސިޓީތަކުގެ ތެރޭގައި، ޖިއްދާގައި ހުންނަ ކިންގ ޢަބްދުލްއަޒީޒް ޔުނިވާސިޓީ އާއި، ރިޔާޛްގައި ހުންނަ ކިންގ ސަޢުދު ޔުނިވާސިޓީ އާއި، މަދީނާގެ އިސްލާމިކް ޔުނިވަސިޓީ އާއި، އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ ހިމެނެއެވެ. މީގެ އިތުރުން ސަޢޫދީގެ އިސްލާމީ އަދި ތަޢުލީމާއި ބެހޭ ވުޒާރާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ އަރަބިއްޔާގެ ގްރޭންޑް މުފްތީ އައްޝައިޙް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲގެ އަރިޙަށްވެސް ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައިވެސް ދެ ބޭފުޅުން ވަނީ އައި.ޔޫ.އެމް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މުޅި އިސްލާމީ އުއްމަތަށް ގްރޭންޑް މުފްތީ ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވާ، އެކަންކަމަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޝަހީމްގެ މިދަތުރުފުޅުގައި ސަޢޫދީ އަރަބިއްޔާގެ މުހިއްމު 5 ޔުނިވަރސިޓީއަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ވެރިންނާއި ބައްދަލުކުރައްވާ، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެކި ރޮނގު ރޮނގުން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައްދަލުކުރާ ބޮޑެތި ޔުނިވާސިޓީތަކުގެ ތެރޭގައި، ޖިއްދާގައި ހުންނަ ކިންގ ޢަބްދުލްއަޒީޒް ޔުނިވާސިޓ އާއި، ރިޔާޛްގައި ހުންނަ ކިންގ ސަޢުދު ޔުނިވަރސިޓީ އާއި، މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އާއި، އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ ހިމެނެއެވެ. މީގެ އިތުރުން ސަޢޫދީގެ އިސްލާމީ އަދި ތަޢުލީމާއި ބެހޭ ވުޒާރާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.