ޚަބަރު

ހިއްސާއަކަށް 2.60ރ ބަހަން އެމްޓީސީސީން ފާސްކޮށްފި


އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާ އަކަށް 2.60ރ. ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 89 އިންސައްތަ ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

މި ޖަލްސާގައި ބައިވެރިވީ 49 ހިއްސާދާރުންނާއި 452 ޕްރޮކްސީއާއެކު ޖުމުލަ 501 ހިއްސާދާރުންނެވެ.

އެމްޓީސީސީއަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ލިބުނު ކަމަށް އެކުންފުނިން ބުނެއެވެ. ކޮންމެ ހިއްސާ އަކަށް 2.60ރ ބަހަން ފާސްކުރުމުން ޖުމުލަ ހިއްސާދާރުންނަށް ބަހާނީ 20.9 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ހިއްސާއެއްގެ މޫނުމަތީ އަގަކީ މީގެ ކުރިން 50 ރުފިޔާއެވެ. އެކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާއެއްގެ އަގު ފަސް ރުފިޔާއަށް ކުޑަކޮށް، 50 ރުފިޔާގެ ކޮންމެ ހިއްސާއަކީ 10 ހިއްސާ ކަމަށް ކަނޑައަޅާފައެވެ.

މި ޖަލްސާގައި ވަހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި އެމްޓީސީސީން މުހިންމު ދާއިރާތަކަކަށް އިންވެސްޓްކޮށް އަވަސް ކުރިއެރުންތަކެއް ހޯދާ ވިޔަފާރީގެ ފައިދާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ކުންފުންޏަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވާ ފައިވާ އަހަރަކަށްވުރެ އަހަރެއް އިތުރުވެފައިވާކަމަށާއި، މިއަހަރު ބޮޑަށް މަސައްކަތް ކުރާނީ އާ ޕްރޮޖެކްޓްތައް ނެގުމުގެ ބަދަލުގައި މިހާރު ހިންގާ ޕްރޮޖެކްޓްތައް ނިންމުމަށް ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

"2017 ވަނަ އަހަރަކީ ދެމެހެއްޓެނިވި ކުރިއެރުންތަކަކާއި، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ރަނގަޅު ނަތީޖާތަކެއް އެމްޓީސީސީއަށް ޙާސިލްކުރެވުނު އަހަރެއް. މުހިންމު ދާއިރާތަކަށް އިންވެސްޓުކޮށް އަވަސް ކުރިއެރުންތައް އެދާއިރާތަކުން ހޯދާ ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ވޭތުވެދިޔަ އަހަރު މަސައްކަތް ކުރެވިފައިވޭ. 2013 އިން 2016 އަށް ސަރުކާރުން ލިބެމުންދިޔަ ޓްރާންސްޕޯރޓް ސަބްސިޑީ އެއްކިބާކޮށް ކުންފުންޏަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވާ ފައިދާ އަހަރަކަށްވުރެ އަހަރެއް ވޭތުވެދިޔަ 5 އަހަރު އިތުރުވެފައިވާކަން އަޅުގަނޑު އުފަލާއިއެކު ފާހަގަކޮށްލަން." އިބްރާހިމް ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ އެހެން އަހަރުތަކޭ އެއްގޮތަށް އާއްމު ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާ އިން 56 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެންމެ ބޮޑު ފައިދާއެއް ވެފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާ އިންނެވެ. މި ދާއިރާއިން 172 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.