ޔޫރަޕާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދެމުން އައި ބެލޮންޑޯ އެވޯޑް ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާއަށް ނުދެވުނީތީވެ އޭނާގެ ކިބައިން އެވޯޑްދެމުން އަންނަ ފްރާންސްގެ މަޖައްލާއިން މައާފަށް އެދިއްޖެއެވެ.
އެ މަޖައްލާގެ އެޑިޓަރު ޕަސްކަލް ފެރޭ ބުނީ ބެލޮންޑޯ އެވޯޑް ހާސިލްކޮށްފައިނުވާ ކުޅުންތެރިންގެ ލިސްޓުން އިނިއެސްޓާ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް ކަމަށާއި އޭނާ އަށް އެވޯޑް ލިބިފައިނުވާތީވެ ދެރަވާ ކަމަށެވެ. އަދި މައާފަށް އެދެމުން އޭނާ ބުނެފައިވަނީ ބެލޮންޑޯ އެވޯޑް ލިބިފައިނުވުމަކީ އިނިއެސްޓާ ނުހަނު ދެރަވާ ކަމެއްކަން އެނގޭ ކަމަށާއި ރަޝިޔާގައި ޖޫން މަހު ބާއްވާ ވޯލްޑް ކަޕުގައި މި އިނާމް ހޯދުމަށް މޮޅު ކުޅުމެއް ދެއްކުމަށް އެދޭ ކަމަށެވެ.
އިނިއެސްޓާ މި އެވޯޑް ހޯދުމާ އެންމެ ގާތަށް ދިޔައީ 2010 ވަނަ އަހަރެވެ. އެ އަހަރުގެ ވޯލްޑް ކަޕް ތަށި ސްޕޭނަށް ކާމިޔާބުކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ އަށް އެވޯޑް ލިބުނީ އޭނާއާއެކު ބާސެލޯނާ އަށް ކުޅެމުން އަންނަ ލަޔޮނަލް މެސީ އަށް ގިނަ ވޯޓު ލިބުމުންނެވެ.
ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އަހަރު އެވޯޑް އެންމެ ހައްގު ކުޅުންތެރިއަކީ ވެސް އިނިއެސްޓާއެވެ.
ފްރާންސްގެ މެގަޒިންއިން އޭގެ އަށް އަހަރު ފަހުން އިނިއެސްޓާގެ ކިބައިން މައާފަށް މިއެދުނީ މިސަބަބާ ހެދިކަމަށްވުން ވަރަށް ގާތެވެ.