އިންޑިޔާގެ ވަރުގަދަ ބެންގަލޫރު އެފްސީ މާލޭގައި މިއަދު 2-0އިން ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޭއެފްސީ ކަޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
މި ދެ ޓީމު ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅުނު މެޗުން ނިއު ބަލިވި ނަމަވެސް މިއަދުގެ މެޗުގައި ބެންގަލޫރު ބަލިކުރީ އަލީ ފާސިރު (ސެންޓޭ) އާއި ކެޕްޓަން އަލީ އަޝްފާގަ (ދަގަނޑޭ) ޖެހި ގޯލުތަކުންނެވެ. ނަމަވެސް ދެ ކުޅުންތެރިންނަށް ވެސް އިތުރު ލަނޑުތައް ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ހާއްސަކޮށް ސެންޓޭ އަށް ފަސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަލެއް ލިބި ބޭކާރުވި އެވެ. މެޗު ނިމެންދަނިކޮށް ހުސްކޮށް ލިބުނު ބޯޅަ ކީޕަރު ބޯމަތިން ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައި ހުރަސް ދަނޑީގައި ޖެހިފަ އެވެ.
ފުރަތަމަ ހާފުގައި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީ އަށް ހުސްކޮށް ލިބުނު ދެ ބޯޅަ ފިޔަވައި އެ ޓީމަށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ލިބިފައިނުވެ އެވެ.
މި ނަތީޖާއާއެކު ނިއު ގްރޫޕުގެ ކުރިއަށް ޖެހިލީ މިހާތަނަށް ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ޕޮއިންޓްގެ ގޮތުން ބެންގަލޫރާ އެއްވަރުގެ ހެޑް ޓު ހެޑުންނެވެ. ދެ ޓީމަށް ވެސް 9 ޕޮއިންޓް ލިބިފައިވާއިރު ނިއުއަށް ލިބިފައިވަނީ ފައިދާ ހަތަރު ގޯލެވެ. ބެންގަލޫރަށް ފައިދާ ދެ ގޯލެވެ. މި ދެ ޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަވެއްޖެނަމަ ގްރޫޕް ސްޓޭޖް ނިމޭއިރު ދެ ވަނަ ބުރަށް ދާނެ ޓީމެއް ކަނޑައަޅާނީ ދެ ޓީމު ކުޅެފައިވާ ނަތީޖާ އަށް ބަލައިގެންނެވެ. މި ގޮތުން ބަލާއިރު މާލޭގައި 2-0 ން މޮޅުވެފައިވާތީވެ ކުރި ލިބޭނީ ނިއު އަށެވެ.
މި ގްރޫޕުގައި މިއަދު އިންޑިޔާގެ އައިޒޯލް އެފްސީ އާއި ބަނގްލަދޭޝްގެ އަބްހާނީ ކުޅުނު މެޗު އެއްވަރުވުމުން ތިން ވަނާގައި ހަތަރު ޕޮއިންޓާއެކު ވަނީ އަބަހާނީ އެވެ. ޓޭބަލުގެ ފުލުގައި އައިޒޯލް އޮތީ އެންމެ ޕޮއިންޓަކާއެކުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ނިއު އަށް ދެން އޮންނާނީ މާލޭގައި އަބަހާނީއާ ދެހޮޅަށް ކުޅެން ޖެހޭ މެޗާއި ރަށުން ބޭރުގައި އައިޒޯލްއާއެކު ކުޅެން ޖެހޭ މެޗެވެ.