ޚަބަރު

އިޤްތިޞާދަށް ގެއްލުންވާގޮތަށް ވާހަކަދައްކާ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި


ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާގޮތަށް އެކި ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލައެއް ހުށައަޅައިފިއެވެ.

މިމައްސަލަ ފުލުހުންނަށް ހުށައެޅުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާގެ ނާއިބްރައީސް އިސްމާޢީލް އާސިފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށްގޮވާލާ، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑު ކޮށްލަން ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާކަމަށެވެ. އެހެންކަމުން މިފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރުކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވި ނަމަވެސް ޤައުމުގެ އިޤްތިޞާދަށް ގެއްލުންވާނެފަދަ ކަމެއް ކުރުމަކީ އެއްވެސްފަރާތަކުން ކޮށްގެންވާނެކަމެއް ނޫންކަމަށާ އެ ފުރުޞަތު ދީގެންވެސް ނުވާނެކަމަށް އާޞިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަންފާ ހޯދުމަށް ކުރާ މިފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. ނަމަވެސް މިފަދަ ގޮވާލުންތަކުގެ ސަބަބުން މާބޮޑު އަސަރެއް އަދި ނުކުރާކަމަށާއި ނަމަވެސް ހުއްޓާނުލާ މިކަން ކުރާނަމަ މީގެ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔަކު ހުއްޓާނުލާ ކަންތައްތަކެއް ކުރާ ކަމުގައި ވަންޏާ ކުރިއަށް އޮތްތާންގާގައި ނޭދެވޭ އަސަރު ތަކެއް ކޮށްފާނެ. އެހެންވީމަ އަޅުގަނޑުމެން މި ފިޔަވަޅު އަޅަންޖެހޭ. އަަޅުގަނޑުމެން ބޭނުމެއް ނުވޭ ކުރިއަށްއޮތްތާންގައި މީގެ އަސަރެއް ކުރާކަށެއް. ކޮންމެ ގޮތެއް ވިޔަސް އަދި ފަތުރުވެރިން އަންނަ އަދަދު މަދު ނުވިކަމުގައި ވިޔަސް މީގެސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ނޭދެވޭ އަސަރުކުރާނެ. މިސާލަކަށް އަޅުގަނޑުމެންނަކަށް ނޭންގޭނެ ކިތައް އިންވެސްޓަރުންނެއްކަމެއް އިންވެސްޓް ކުރަން ނިންމާފަ ނުކޮށްދަނީއެއް. އަޅުގަނޑުމެންނަށް އިންގޭނީ ރާއްޖޭގައި އިންވެސްޓްކޮށްފަ ދެން ހުއްޓާލާ މީހުންގެ ޢަދަދު" އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށައެޅި ފުރަތަމަ މައްސަލަ ކަމަށެވެ. އެހެން ނަމަވެސް ޤައުމުގެ ނަން ހުތުރުކޮށް އިޤްތިޞާދަށް ގެއްލުންވާގޮތަށް ކުރާ މިފަދަ ކަންތައްތަކާ ގުޅޭ މައްސަލަތައް ކުރިއަށްއޮތްތަނުގައިވެސް ފުލުހުންގެ މުވައްސަސާއަށް ހުށަހަޅާނެކަމަށް އާސިފް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ފާޅުކުރާ ޝުޢޫރުތަކުގެ މައްސަލަވެސް ހުޅައަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.