މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސްޓެލްކޯގެ އިންޖީނުގެއަށް ތެޔޮ ހޮޅިއެއް އެޅުމަށް ޑިޒަންކޮށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދުމަށް އެސްޓީއޯއިން އިއުލާންކޮށްފިއެވެ. އެސްޓީއޯއިން ބުނީ ބިމުގެ އަޑިން އަޅާ 1.2 ކިލޯ މީޓަރުގެ މި ހޮޅި އެޅުމަށް ޑިޒައިންކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަދުވަހުގެ ކުރިން ބިޑު ހުށައަޅަންޖެހޭނެކަމަށެވެ.
ބިށް ހުށައަޅާ ފަރާތްތަކަށް މާރކްސް ދިނުމުގައި 60 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ ހުށައަޅާ އަގަށްކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޑިޒައިންކުރުމަށް ހޭދަކުރާ މުއްދަތަ ވިހި އިންސައްތަ އަދި ކަމުގެ ތަޖުރިބާއަށް ބަލާ ވިހި އިންސައްތަ މާކްސް ދޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން މިހާރު ސްޓެލްކޯއަށް ތެޔޮ ސަޕްލައި ކޮށްދެނީ ސްޓެލްކޯއާއި ދިމާލު ފަޅުތެރޭ ގއި ހަދާފައިވާ ޕަމްޕް ސްޓޭޝަންތަކުންނެވެ.
އެސްޓީއޯއިން ގެންދަނީ މާލޭތެރޭގައި ހުރި އެކުންފުނީގެ ގުދަންތައް މާލޭ ސިނާޢީ ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތް ނިމުމުން އެކުންފުނިން ވިއްކާ ތަކެތީގެ އަގުތަކަށް ބަދަލު އަންނާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.