ޓޮޓްނަމް ބަލިކޮށް، އިނގިރޭސި ޕްރިމިއަރ ލީގު ކަށަވަރުކުރުމާ ގާތަށް ސިޓީ ޖެހިލި މެޗަށްފަހު ކޯޗު ގާޑިއޯލާ ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.
ވިދިވިދިގެން ތިން މެޗުން ވީ ބައްޔަށްފަހު، ޓޮޓްނަމްގެ މައްޗަށް ސިޓީ ރޭ ކުރި ހޯދީ 3-1 ލަނޑުންނެވެ. މެޗަށްފަހު މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ކުޅުންތެރިންގެ ކުޅުން ވަރަށް މޮޅު ކަމަށާއި، މުޅި ސީޒަންގައިވެސް ކުޅުންތެރިން އެމީހުންގެ މަތީ ލެވެލްގެ މޮޅު ކުޅުން ދަމަހައްޓަމުން އަންނަ ކަމަށެވެ.
މެޗުގައި ސިޓީން ލީޑް ނެގީ 22 ވަނަ މިނިޓްގައި ގެބްރިއެލް ހެސުސް ޖެހި ގޯލުންނެވެ. 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލީޑް ފުޅާކޮށްދިނީ އިކާ ގުންޑޮގަންއެވެ. ޓޮޓްނަމްގެ ހަމައެކަނި ލަނޑު ޖަހައިދީ ޓޮޓްނަމް އަށް ނަތީޖާގެ ތަފާތު ކުޑަކޮށްދިނީ ކްރިސްޓެން އެރިކްސަންއެވެ. ނަމަވެސް ދެވަނަ ހާފްގައި ރަހީމް ސްޓާލިންގް ޖަހައިދިން ގޯލުން ސިޓީ ވަނީ އެމީހުންގެ ތިންވަނަ ގޯލާއެކު ޓޮޓްނަމްއާ ދެމެދު އޮތް ދެ ގޯލްގެ ފަރަޤު އިއާދަ ކޮށްފައެވެ.
މެޗަށް ފަހު ގާޑިއޯލާ ވަނީ އޭނާގެ ކުޅުންތެރިންގެ ހިތްވަރަށް ތައުރީފުކޮށްފައެވެ. އަދި ފާއިތުވި ހަފްތާގައި ޔުނައިޓެޑް އަތުން ވި ބައްޔަކީ ސިޓީ ފެއިލްވުން ކަމަށް ދެކޭ މީހުންނަކީ ފުޓުބޯޅަ ނޭނގޭ މީހުން ކަމަށް ބުނެފައެވެ. ގާޑިއޯލާ ބުނީ މުހިންމީ ސީޒަންގައި ކުޅުންތެރިން ދައްކާފައިވާ މޮޅު ކުޅުން ކަމަށާއި، އުންމީދަކީ ސްވެންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ސަޕޯޓަރުންނާއެކު ޕްރިމިއަރ ލީގު ކާމިޔާބު ކުރުމުގެ އުފާފާޅު ކުރުން ކަމަށެވެ.
މެޗަށްފަހު ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗަކީ ސިޓީ މޮޅުވުން ހައްޤު މެޗެއް ކަމަށާއި، އޭނާގެ ޓީމަށް ކުޅެވެން ފެށުނީ ސިޓީން ދެ ގޯލް ޖެހިފަހުން ކަމަށެވެ. އަށްޑިހަ ހަތް ޕޮއިންޓާއެކު ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނައިގައި އޮތް ސިޓީއަށް ލީގު ކާމިޔާބުކުރުމަށް ބޭނުންވަނީ އެންމެ މޮޅެކެވެ.