މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 6 ބައިވެރިން ކަށަވަރުވެ، ރައިޙާން ޢާދަމް މި މުބާރާތުން ކަޓައިފިއެވެ.
އައިޑަލް ސީޒަން ތިނެއްގެ ގަދަ 6 ބައިވެރިން އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގާލާ ރައުންޑުގެ 5 ވަނަ އެލިމިނޭޝަން ނައިޓުގައެވެ.
އައިޑަލްގެ ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރި ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޕޮއިންޓްތަކުގެ ތަރުތީބުންނެވެ.
ވާދަވެރި ހުށައެޅުންތަކަކަށްފަހު ގަދަ 6 އަކުން ޖާގަ ކަށަވަރުކުރި ބައިވެރިންނަކީ:
- ނައުޝާދު ޢަބްދުއްލަތީފް
- ޙަސަން ޝަހުދާން
- އައިޝަތު އަޒަލް ޢަލީ ޒާހިރު
- ތަސްލީމް ޢަބްދުލްކަރީމް
- އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު
- މަރިޔަމް މައިޝާ
މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ 5 ވަނަ ޝޯވ ހާއްސަކޮށްފައިވަނީ "ރެގޭ" މި ތީމަށެވެ. ރެގޭއަކީ 1950 ގެ އަހަރުތަކުގެ ތެރޭގައި ކެރީބިއަން ކަނޑުގެ ޤައުމެއްކަމަށްވާ ޖެމެއިކާގައި އުފެދުނު މިއުޒިކް ޖޯންރާއެކެވެ. ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ހިތްގައިމު ރީތި ދިވެހި ލަވަތަކެއް ރެގޭ މިއުޒިކަށް ފައްތައިގެން މިހަފްތާގެ ޝޯވގައި ބައިވެރިން ވަނީ ސޯލޯ ޕަރފޯމަންސްތަކެއް ހުށައަޅާދީފައެވެ.
އައިޑަލްގެ މިފަހަރުގެ ސީޒަންގެ ގަދަ 6 ބައިވެރިން މިހާރު ޔަޤީންވެފައިވާއިރު، މި ހަފްތާގެ އެލިމިނޭޝަން ނައިޓުގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ލަވަތަކެއް ވަނީ ފެނިގެންގޮސްފައެވެ. ގާލާ ރައުންޑުގެ 5 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓް "އިލެކްޓްރޯނިކް ޑާންސް މިއުޒިކް"، "އީ.ޑީ.އެމް ނައިޓް" މި ތީމަށް ޙާއްސަކޮށްފައިވާއިރު، މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ޑުވެޓް އަދި ޓްރިއޯ ލަވަތަކެއް ވަނީ ފެނިގެންގޮސްފައެވެ.