ޚަބަރު

ތުއްތުކުދިންނަށް، ހުނައިޝާ މިސްގެ ޚާއްސަ ހަދިޔާއެއް!


ތުއްތު ކުދިން ދިވެހިބަހަށް އަހުލުވެރިކުރުމަށް ޚާއްސަ ވާހަކަ ފޮތް ސެޓެއް ނެރެފިއެވެ.

"އަހަރެންނަށް ކިޔޭނެ" މި ނަމުގައި ނެރުނު ކުޑަކުދިންގެ މި ވާހަކަ ސެޓަކީ 3 ފޮތެއްގެ މައްޗަށް އެކުލެވޭ ވާހަކަ ސެޓެކެވެ. ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ޚާއްސަ ހަވީރެއްގައި މި ވާހަކަފޮތް ނެރެދެއްވާފައިވަނީ ކެންގަރޫ ކިޑްސް ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ތަޙުމީނާއެވެ. އުމުރުން 5 އަހަރާއި 7 އަހަރާދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ނެރެފައިވާ މި ފޮތްސެޓަކީ މަޖީދިއްޔާ ސްކޫލްގެ އެކައުންޓްސް ޓީޗަރެއްކަމަށްވާ އައިމިނަތު ހުނައިޝާ ޙަސަން ލިޔެ، ތައްޔާރުކޮށްފައިވާ ފޮތް ސެޓެކެވެ.

"އަހަރެންނަށް ކިޔޭނެ" މި ފޮތް ސެޓާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ހުނައިޝާ ބުނީ، ކުޑަކުދިންގެ ވާހަކަ ލިޔުމަކީ އޭނާ އަބަދުވެސް ޝަޢުގުވެރިވާކަމެއްކަމަށާއި، ރާއްޖެއަށް ބަލާނަމަ، ކުޑަދިންނަށް ޚާއްސަ ކޮލެޓީ ފޮތް ނެރޭލެއް ނިސްބަތުން މަދުކަމަށެވެ. އަދި މި ފޮތް ސެޓް ފަރުމާކޮށްފައިވަނީ ކުޑަކުދިން ގަޔާވާނޭހެން، މަންޒަރާއި ކުރެހުންތައް ބޭނުންކޮށްގެންކަމަށެވެ.

މި ވާހަކަފޮތް ސެޓްގެ ފުރަތަމަ 2 ފޮތް ޚާއްސަކޮށްފައިވަނީ ކުއްޖާއަށް ތާނަކިޔުން ފަރިތައްކުރުމަށްޓަކާއި ކުދި ކުދި ލަފްޒުތައް ހިމަނައިގެންކަމަށާއި، ވާހަކަ ސެޓުގެ ތިން ވަނަ ފޮތް އެއީ ކުރީގެ 2 ފޮތް ކުއްޖާއަށް ދޭހަވި މިންވަރު ވަޒަންކޮށްދިނުމަށް ޚާއްސަކޮށްފައިވާ ފޮތެއްކަމަށް ހުނައިޝާ ބުންޏެވެ. އަދި މިއީ އޭނާގެ ފުރަތަމަ އުފެއްދުންތަކަމަށްވެސް ހުނައިޝާ ބުންޏެވެ.

"ރާއްޖޭގައި އަދިވެސް މަދު، ކުޑަކުދިންނަށް އަމާޒުކޮށްގެން ނެރޭ ކޮލެޓީ ފޮތްތައް. ކުޑަކުދިން އަބަދުވެސް ގަޔާވާނެ ތަސްވީރު ހިމެނޭ ވާހަކަފޮތްތައް ކިޔުމަށް. މިއީ އަޅުގަނޑު ނެރޭ ފޮތް ސީޒަންގެ ފުރަތަމަ ސެޓު. މި ވާހަކަތަކަކީ ވަރަށް ކުދި ކުދި ލަފްޒުތަކެއް ހިމަނައިގެން އަޅުގަނޑު ތައްޔާރުކުރި ފޮތްބައެއް. 3 ފޮތް އިންނައިރު ފުރަތަމަ 2 ފޮތް ޙާއްސަކޮށްފައިވާނީ ކިޔުމަށް. 3 ވަނަ ފޮތަކީ ފުރަތަމަ 2 ފޮތް ކިޔުމަށްފަހު ކުއްޖާއަށް ދޭހަވި މިންވަރު ބަލާ ފޮތެއް. އެއީ ބޮޑަށް އެކްސަޒައިޒް ފޮތެއް." ހުނައިޝާ ބުންޏެވެ.

"އަހަރެންނަށް ކިޔޭނެ" ވާހަކަ ސެޓް މިހާރު ޗާންދަލިޔާ ބުކްޝޮޕުން ގަންނަން ލިބޭނެކަމަށާއި، މީގެ ދެވަނަ ސެޓް ކުރިއަށް މަހެއްގެ ތެރޭގައި އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ހުނައިޝާ ބުންޏެވެ.