ޚަބަރު

ލ އަތޮޅުން 83 ފޮޓޯގްރާފަރުން ތަމުރީނުކޮށްފި


އެއްހާސް ފޮޓޯގްރާފަރުން އުފެއްދުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 628 ޕޮޓޯގްރާފަރުން ތަމުރީނުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ލ. އަތޮޅުން 83 ފޮޓޯގްރާފަރުން ދަސްވެނިވުމަށް ލ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހާކަފުޅު ދައްކަވަމުންނެވެ.

1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމާ އެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ތެރޭގައިއެވެ. ވަޒީފާތަކަށް ދިވެހި ޒުވާނުން އަހުލުވެރިކުރުވުމުގެ ގޮތުން ފެށި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށްވަނީ އެކި ލެވެލްގައި ޒުވާނުން ތަމުރީނުކޮށްފައެވެ.
ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމަށް ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރެވޭނީ ހަމައެކަނި ދިވެހިން ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމުގެ އަމާޒަކީވެސް ވަޒީފާގެ ބާޒާރަށް ބަލައިގަންނަ ފެންވަރު ރަނގަޅު ފޮޓޯ ގްރާފަރުން ބާޒާރަށް ނެރުމުވެ.
ޓިވެޓް އޮތޯރިޓީން ކުރިޔަށް ގެންދާ މި ތަމުރީނު ޕްރޮގްރާމްގެ ތެރެއިން ލ. އަތޮޅުގެ ޖަމިއްޔާއެއް ކަމުގައިވާ ވައި.ޑީ.އެސް ގުޅިގެން މިވަނީ 83 ޕޮޓޯ ގްރާފަރުން ތަމުރީނުކޮށްފައެވެ. މި ޕޮޓޯ ގްރާފަރުން ދަސްވެނިވުމުގެ ރަސްމިއްޔާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަދުރަސީ ތައުލީމު ނިންމުމަށްފަހު ނުކުންނަ ދަރިވަރުންނަކީ މުޖްތަމައުއަށް ފައިދާހުރި ދަރިވަރުންތަކަށް ހެދުންކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ފެށި ދަސްވާރު ޕްރޮގްރާމުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 2513 ދަރިވަރުން ބައިވެރިވެ ކާމިޔާބު ހާސިލްކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވި ކުދިންގެ ތެރެއިން 83 އިންސައްތަ ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުންދާ ނުވަތަ މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންކަމަށެވެ. އަދި ދަރިވަރުން ސްކޫލް ނިންމުމަށްފަހުވެސް އިތުރަށް ތަމުރީނުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" 2015 ވަނަ އަހަރު ގްރޭޑް ދިހައެއް ނިންމި ދަރިވަރުންގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ ދަރިވަރުން ފުލްޓައިމް އަދި ޕާޓްޓައިމްކޮށް ކިޔަވަމުންދޭ. 2014 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން %50 ދަރިވަރުންނަކީ އުމުރުން 15 އަހަރުން ފެށިގެން މަތީ ތައުލީމު ހޯދުމަށްޓަކައި ނުވަތަ ކިޔަވައިދޭ މަރުކަޒެއްގައި ރަޖިސްޓްރީ ނުވާކުދިން. އެހެންކަމުން މިހާރު ފެންނަމުން މިދަނީ 2014 ވަނައަހަރާ އަޅާ ބަލާއިރު މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދަދު 44 އިންސައްތައަށް އިތުރުވެފައިވާތަން. މިއީ ހަމަ ޔަގީނުންވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތުގެ އަމަލީ ނަތީޖާ." ޑރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އެއްހާސް ފޮޓޯގްރާފަރުން ތަމުރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ބައިވެރިންނަށް ޕްރޮފެޝަނަލް ކެމަރާވަނީ ދީފައެވެ. ފަހުން ފައިސާ ދައްކާގޮތަށް ބައިވެރިންނަށް ދީފައިވަނީ "ނިކޮން 3400"ގެ ކެމެރާ އެވެ. ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހިންގި ޕްރޮގްރާމްތަކުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 8500 އަށް ވުރެ ގިނަ ޒުވާނުން ވަނީ އެކިދާއިރާތަކުން ތަމުރީނުވެފައެވެ.