ޚަބަރު

ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ޤަވާއިދެއް އެކުލަވާލައިފި


ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރު ރާއްޖެއަށް އތރެކުރެވޭނެ އުސޫލުތައް ކަނޑައަޅާ ޑިފެންސް މިނިސްޓްރީން އެކުލަވާލި ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަންނަ އުޅަނދުފަހަރާއި، ދިވެހިރާއްޖޭގެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރު، ދަތުރުކުރުމުގައި ދިމާވެދާނެ ނުރައްކާތެރި ޙާދިސާތަކުން ސަލާމަތްވުމަށް އުޅަނދުފަހަރުގައި ބަހައްޓާފައި ހުންނަ ރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރާމެދު ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މި ޤަވައިދުގައިވާ ގޮތުން ރާއްޖެއަށް ގެނެވޭނީ 10 މިލިމީޓަރުން ފެށިގެން ދަށް ކެލިބަރގެ ރައިފަލާއި، ހޭންޑްގަންއާއި، 16 ގޭޖުން ފެށިގެން ދަށުގެ ޝޮޓްގަންފަދަ ހަތިޔާރެވެ. އަދި މިނޫން ބާވަތެއްގެ ހަތިޔާރެއް ހުރިނަމަ ދިވެހިރާއްޖެއަށް ގެނެއުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން އެތަކެތި އެމް.އެން.ޑީ.އެފަށް އަތުލެވޭނެއެވެ. ރާއްޖެއަށް ގެނެއުން މަނާ ހަތިޔާރު ހުރި އުޅަނދެއް ރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިންނާއި، ރާއްޖެއިން ފުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ވަކި ޙާއްސަ ހުއްދައެއް ހޯދަންޖެހޭނެއެވެ. އަދި ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި، ރާއްޖެ ހިމެނޭ ކަނޑުގެ ސަރަޙައްދުގައި ހިނގާ ކަންކަމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނަ ހާލަތްތަކުގައި، ވަކި މުއްދަތެއް ނެތްގޮތަށް ހުއްދަދިނުން ހުއްޓާލުމާއި، ހުއްދަ ހިފެހެއްޓުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު މި ޤަވާއިދުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ލިބިގެންދެއެވެ.

މި ޤަވާއިދު ބުނާގޮތުން ބޭރުން އަންނަ އެއްވެސް އުޅަނދެއްގައި ރާއްޖެއަށް ގެނެއުން މަނާ ހަތިޔާރު ހުރިނަމަ، އެ އުޅަނދެއް ރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ 2 ދުވަސްކުރިން އެ އުޅަނދަކާ ބެހޭ މަޢުލޫމާތު ޑިފެންސް މިނިސްޓްރީއަށް ހުށައަޅަންޖެހޭނެއެވެ. އަދި ރާއްޖެއަށް އަންނަ އެއްވެސް އުޅަނދެއްގައި ހަތިޔާރު ހުރިނަމަ، އެ އުޅަނދެއް ރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން އެތަކެތި ޑިކްލެއަރ ކުރަންޖެހޭނެއެވެ.

ރާއްޖެއަށް ގެނެއުން މަނާ ހަތިޔާރާއި، އާލާތްތަކުގެ ވައްތަރާއި، ޢަދަދާއި، އަދި އެތަކެތި އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށަށް ގެނެއުމަށް ކުރަންޖެހޭ މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައި، ޙާއްސަ ފީއެއްވެސް މި ޤަވާއިދުގެ ދަށުން ނެގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކަނޑުމަގުން ގެންނަ ހަތިޔާރު ބޭލުމަށާއި އެރުވުމަށް ފަނަރަ ހާސް ރުފިޔާއާއި ފަންސަވީސް ހާސް ރުފިޔާއާއި ދެމެދުގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވައިގެ މަގުން ގެންނަ ހަތިޔާރު ބޭލުވުމަށާއި އެރުވުމަށް ދެހާސް ފައްސަތޭކަ ރުފިޔާއާއި ދިހަ ހާސް ރުފިޔާއާއި ދެމެދުގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު ހަތިޔާރު ގުދަންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކޮންމެ 30 ދުވަހަކަށް ބާރަ ހާސް ރުފިޔާ އާއި ވިހި ހާސް ރުފިޔާއާއި ދެމެދުގެ ފީއެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ.