އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކުރިމިނަލް ކޯޓުން ސިއްރުކޮށްފިއެވެ.
މި މައްސަލައިގައި މިއަދު ބާއްވަން ތާވަލުކޮށްފައި އޮތީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. މި މައްސަލައިގެ އަޑުއެހުން ސިއްރުކުރި ސަބަބެއް ކުރިމިނަލްކޯޓުން ހާމަކޮށްފައެއްނުވެއެވެ.
ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ޢަބްދުﷲ ސައީދާއި ޢަލީ ހަމީދުގެ މައްޗަށް ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އުފުލާފައެވެ.
ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާގެ އިތުުރުން ޢަބްދުﷲ ސައީދާއި ޢަލީ ހަމީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް ދައުލަތުން އުފުލާފައެެވެ. މީގެއިތުރުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް ވަނީ އުފުލާފައެވެ.
މި ދައުވާތަކުގެ ތެރެއިން އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ވަނީ ފަށާފައެވެ. އަދި އެ މައްސަލާގައި ވަކީލަކު ހަމަޖައްސަން ދިހަ ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.
މި މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ޢަބްދުﷲ ސައީދާއި ޢަލީ ހަމީދު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ވަނީ އަމުރުކޮށްފައިވެއެވެ. އަދި ޢަބްދުﷲ ސައީދާއި ޢަލީ ހަމީދަށް މުސާރަ ނުލިބޭގޮތަށް ޖޭއެސްސީން ވަނީ ސަސްޕެންޑްވެސްކޮށްފައެވެ.