ކުރީގެ ޢަރަބިއްޔާ ސްކޫލްހުރި ބިމާއި، ގާކޮށީގައި ޓާޓާ ކުންފުނިން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗް.ޑީ.ސީން އެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 161 ފްލެޓެއް ވިއްކާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ފްލެޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެޗް.ޑީ.ސީން ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލާފައިވާއިރު، ދެވަނަ ބުރުގައި ވިއްކުމަށް އިޢުލާންކޮށްފައިވަނީ މި 161 ފްލެޓްގެ ތެރެއިން، އެކި ސަބަބުތަކާހުރެ ވިއްކުމުގެ މަރުޙަލާ ފުރިހަމަ ނުކުރެވިފައިވާ 47 ފްލެޓެއްކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
މިއިން ކޮންމެ ފްލެޓެއްވެސް ވިއްކާލުމަށް ހަމަޖެހިފައިވަނީ 2 މިލިއަން ރުފިޔާއަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ގަންނަން އެދި ހުށަހެޅޭނީ އެންމެ ފްލެޓެކެވެ.
ފުރަތަމަ ބުރެކޭވެސް އެއްގޮތަށް މިފަހަރުވެސް މި ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެކަމަށް ޙާއްސަކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި މި ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތާއި، ފްލެޓްތަކުގެ ކުރެހުންތަކާއި، އެހެނިހެން މަޢުލޫމާތުތައް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެޗް.ޑީ.ސީ ވިއްކާލުމަށް ހުޅުވާލި 47 ފްލެޓްގެ ތެރޭގައި ހިމެނެނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި އިމާރާތުގެ 10 ފްލެޓަކާއި، ގާކޮށިން 37 ފްލެޓެކެވެ. މިއިން ކޮންމެ ފްލެޓަކީވެސް 3 ކޮޓަރި، 2 ފާޚާނާ، ސިޓިން ރޫމް، ބަދިގެ އަދި ޑައިނިންގ އޭރިއާ ހިމެނޭހެން ތަރައްޤީކޮށްފައިވާ ފްލެޓްތަކެކެވެ. މި ފްލެޓްތައް ގަތުމަށް އެދި ހުށައަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަމުގައިވުން، އުމުރުން 21 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން އަދި 31 ޖެނުއަރީ 2018 ގައި ފްލެޓް ވިއްކުމަށް އެޗް.ޑީސީން ހުޅުވާލި ފުރުޞަތުގައި ފްލެޓެއް ގަނެފައިވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.