ކުޅިވަރު

މިއީ ބޮޑު އިމްތިހާނެއް، އާދަޔާހިލާފު ނަތީޖާއެއް ނެރެވިދާނެ: ގާޑިއޯލާ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ލިވަޕޫލާ ދެކޮޅަށް އާދަޔާ ހިލާފު ނަތީޖާއެއް ނެރެވިދާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސްޕޭނުގެ ބާސެލޯނާއަށް ދެ ފަހަރު ޗެމްޕިއަންސް ލިގު ކާމިޔާބުކޮށްދީފައިވާ ކޯޗު މިހެން ބުނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން ސިޓީ 3-0 ން ބަލިވެފައިވާތީ އެވެ. މިހެންވެ ސިޓީއަށް ސެމީ ފައިނަލަށް ދެވޭނީ އަމިއްލަ ދަނޑުގައި ހަތަރު ލަނޑުގެ ތަފާތަކުން ލިވަޕޫލް ބަލިކޮށްގެންނެވެ.

"ވަރަށް ރަނގަޅު ގޭމެއް ކުޅެން ޖެހޭނީ. އަހަރުމެން ޗާންސް ހޯދަންޖެހޭނެ. އަދި ގޯލު ޖަހާފައި އެމީހުންނަށް ލިބޭ ޗާންސް މަދުކުރަންޖެހޭނެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ވަރަށް ރަނގަޅު މެޗެއް އަހަރުމެން ކުޅެފިނަމަ ނަތީޖާ އަހަރުމެން ކޮޅަށް އެނބުރިދާނެ،" ގާޑިއޯލާ ބުންޏެވެ.

"އަހަރުމެންނަށް އެބައޮތް 90 މިނިޓް ނަތީޖާ ނެރެން. އަދި އެކްސްޓްރާ ޓައިމްގެ ދެ ހާފު ވެސް ލިބެން އެބައޮތް. އެހެންވީމާ މި މެޗުގައި އަހަރުމެން ވަރަށް މޮޅަށް ކުޅެފިނަމަ މިއީ ނުވާވަރުގެ ކަމެއްނޫން،" ގާޑިއޯލާ ބުންޏެވެ.

ތަފާތު ބޮޑުކޮށް އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް ނަމަވެސް ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އިނގިރޭސިވިލާތުގެ އެންމެ ބޮޑު ދެ ޓީމު އަތުން ވެސް ވަނީ ބަލިވެފަ އެވެ. ލިވަޕޫލް އަތުން ޗެމްޕިއަންސް ލީގުގައި 3-0 ން ބަލިވިއިރު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވީ ދެ ލަނޑު ޖަހާފައި އޮއްވައި 3-2 ނެވެ.

"އަހަންނަކަށް ނޭނގެ މިނަތިޖާތަކުގެ ސަބަބުން (ނަފްސާނީގޮތުން ޓީމަށް) އަސަރުކުރާނެ ކަމެއް. އެކަމަކު ފިޒިކަލީ މީގެ އަސަރު ކުރާ ކަމަށްވަނީ ވިއްޔާ އެއީ ކުރިމަގުގައި އަހަރުމެން ވިސްނަންޖެހޭ ކަމެއް. މި މެޗަކީ ސިޓީ އަށް ވަރަށް ބޮޑު އިމްތިހާނެއް،" ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އަމިއްލަ ދަނޑުގައި ލިވަޕޫލް 5-0 ން ބަލިކޮށްފަ އެވެ.