ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ވެލާނާ އެއަރޕޯޓްގެ މައްސަލައިގައި ޖީއެމްއާރަށް 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ ކާޑު އަގޮހެޔޮކުރުންފަދަ އެތައްކަމެއް އެ ފައިސާއިން ކުރެވުނީސްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހެޔޮއަގު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ ކުރީގެ ސަރުކާރުތަކާ ޚިލާފަށް މުދަލާއި ޚިދުމަތުގެ އަގުތައް ހެޔޮކުރުމަށާއި، އެކިއެކި ކަންކަމުގައި ރައްޔިތުންނަށް ލުއި ފަސޭހަކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ސަރުކާރުން ކާޑުގެ އަގުހެޔޮކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޤަވާޢިދާ ޚިލާފަ ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ވިއްކަމުންދާމައްސަލަތައް ފާހަގަކުރެވިފައިވާތީ އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަރާތްތަކާއިގުޅޭ މައްސަލަތައް ހުށައެޅުމަށް މިހާރު ހޮޓްލައިނެއް ޤާއިމުކޮށްފައިވާނެކަމަށެވެ. އެ ހޮޓްލައިން މެދުވެރިކޮށް އަންގާރަ ދުވަހުންފެށިގެން ޢާއްމުންނަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކާޑުގެ އަގަށް ސަރުކާރުން ގެނައި ހެޔޮބަދަލާ ގުޅޭގޮތުން އާއްމުންނާ މަޢުލޫމާތު ޙިއްސާކޮށް ޢާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕީއެސްއެމުން ކުރިއަށް ގެންދިޔަ "ހެޔޮ އަގު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކާޑުގެ ބާވަތްތަކަކީ ސަރުކާރުން ޢާއްމުންނަށް ފޯރުކޯށްދޭ އެންމެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެގޮތުން ވިޔަފާރިވެރިން ކާޑުގެބާތްތައް ވިއްކުމުގައި ބަލަންޖެހޭނީ ފައިދާއެއް ހޯދުމަށްވުރެ، ޢާއްމުންނާހަމައަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކާޑު ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެސްޓީއޯއިން ކަޑު ގަންނަން ލިބޭ އަގުތައް އަގުހެޔޮކުރުމާއި އަތޮޅުތަކުގައި ވިއްކޭނެ އަގު ކަނޑައަޅާފައިވަނީ އެކަމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ފަހުކަމަށާ، އެކި ޒޯންތަކަށް އަގުތައް ކަނޑައެޅުމުގައިވެސް، އެ ސަރަޙައްދުތަކުގެ ވިޔަފާރިވެރިންނާ މަޝްވަރާކޮށްފައިވާނެ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން މަޖޫރީންގެ ޚިދުމަތާއި ކާޑު އުފުލުމުގައި ދަތުރުފަތުރަށް ހޭދަވާ އަގުތައްވެސް ދިރާސާ ކޮށްފައިވާކަމަށާ، އަގަށް އިތުރުކުރެވޭނެ މިންވަރު ކަނޑައެޅުމުގައި މި ކަންކަމަށް ހޭދަވާނެ އަގުތައް ހިމެނައި ވިޔަފާރިވެރިންގެ ފައިދާއަށް ވަކިމިންވަރެއް ހިމަނާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މި ޤަވައިދުތަކާ ޚިލާފުވާނަމަ އެފަދަ މައްސަލަތައް މިނިސްޓްރީން ބަލައި އެކަމަށް ފިޔަވަޅު އަޅައި، އެ ކަންކަން ހުއްޓުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގެނައި ހެޔޮބަދަލުތަކުގެ ސަބަބުން އޭގެ ހޮޔޮ އަސަރު ސީދާ ގޮތުންނާއި ނުސީދާގޮތުން ވިޔަފާރިތަކަށް ކުރަމުންދާނެކަމަށެވެ. އެގޮތުން ކުރިން މަޖޫރީން، އެމީހުން ބޭނުންވާ އެކި އަގުތައް ނަގަމުންދިޔަ ކަމަށާއި، ނަމަވެސް ކޮންޓްރޯލް ކުރި އަގާއިއެކު މިކަން ކޮންޓްރޯލްވެ އެންމެންނަށް ހަމަހަމަކަމާއެކު ހެޔޮއަގުގައި ވިޔަފާރިބަނދަރުން މުދާ ނެރުމުގެ ޚިދުމަތް ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގެންނަ އިޤްތިސާދީ ބަދަލުތަކުގެ ސަބަބުން ދަޢުލަތުގެ ރިޒާވް އިތުރުވަމުންދާކަމަށާ މިހާރު ސެންޓްރަލް ބޭންކްގެ ރިޒާވެގެ ގޮތުގައި 720 މިލިއަން ޑޮލަރު އެބަހުރިކަމަށެވެ. ނަމަވެސް ކުރިން މި ޢަދަދު ހުރީ 400 މިލިއަން ޑޮލަރުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ވެލާނާ އެއަރޕޯޓްގެ މައްސަލައިގައި ޖީއެމްއާރަށް 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ އެ ފައިސާ އަކީވެސް ސަރުކާރުގެ ރިޒާވްގައި އެހެން މުހިންމު ކަންކަމަށް ބޭނުންކުރަން ހުންނާނެ ފައިސާކަން ޤަބޫލުރަންޖެހޭކަމަށެވެ.