ފަލަސްތީނުގެ ތާރީޚީ ބިމަށް އެނބުރި ރުޖޫއަވުމުގެ ޙައްޤު ލިބިގެންވާކަން ހާމަކުރުމުގެ ގޮތުން ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ އިރުމަތީ ފަޅީގައި ފަލަސްތީނުގެ އާންމުން ކުރިޔަށްގެންދާ މިނިވަންކަމުގެ ހަރަކާތްތަކާ ދެކޮޅަށް އިސްރާއީލު ސިފައިން ހުކުރުދުވަހު ބަޑިން ދިން ޙަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު ދިހައަކަށް އަރައިފިއެވެ.
ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނާގޮތުން، އިސްރާއީލުން ޝަހީދުކޮށްލި ދިހަ މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ނޫސްވެރިއަކު ހިމެނެއެވެ. އަދި އިސްރާއީލުން ޒަޚަމްކޮށްލި ފަލަސްތީނުގެ މީހުންގެ ޢަދަދު ހާހަކަށް އަރައެވެ.
ފަލަސްތީނުގެ ރައްޔިތުން ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އެއްވެ މިނިވަންކަމަށްޓަކައި މުޒާހަރާ ކުރަމުން މި ގެންދަނީ އިސްރާއީލުގެ ނަމުގައި މިހާރު އުފައްދާފައިވާ ދައުލަތް އޮތް ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ އެތައް ސަތޭކަ ހާސް ބަޔަކު އެ ބިމަކުން ބޭރުކޮށްލާފައިވާ ބިމަކަށްވާތީ، އެ ބިމަށް އެނބުރި ރުޖޫޢަވުމުގެ ހައްގުއޮތްކަން ހާމަކުރުމުގެ ގޮތުންނެވެ.
މި މުޒާހަރާތައް އިންތިޒާމުކުރާ ފަލަސްތީނުގެ އެކްޓިވިސްޓުން ބުނާގޮތުން، މިކޭންޕޭންގެ މަޤްޞަދަކީ ސުލްޙަވެރި ވަޞީލަތްތައް ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ އިސްތިޢުމާރީ ވަކިތަކުން މިނިވަންކުރުމެވެ.
އަމިއްލަ ވަޒަނަކަށް އެނބުރި ރުޖޫއަވުމުގެ ޙައްޤު ހޯދުމުގެ މި ކޭންޕޭނަކީ ފަލަސްތީނުގެ ސަރުކާރުގެވެސް އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެވެސް ބައިވެރިވުން ނެތި، ފަލަސްތީނުގެ އާންމު ރައްޔިތުން އިސްނަގައިގެން ފަށާފައިވާ މިނިވަންކަމުގެ ކޭންޕޭނެކެވެ. މިކޭންޕޭން ފެށީ މިދިޔަ މާރިޗު މަހުގެ ތިރީސްވީ ހުކުރު ދުވަހުއެވެ. އެއަށްފަހު މި ކޭންޕޭން ވެގެންގޮސްފައިވަނީ ފަލަސްތީނު މިނިވަންކުރުމުގެ އެންމެ ބޮޑު ހަރަކާތަށެވެ.
މި ހަރަކާތްފެށީ ކޮންމެ އަހަރެއްގެވެސް މޭމަހުގެ ފަނަރަވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ބިމުގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. ބިމުގެ ދުވަހަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުން ނަން ދީފައިވާ އިސްތިޢުމާރީ ދައުލަތް އުފެއްދި، އަހަރީ ދުވަހެވެ. އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގެ އެހީގައި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދިކަން އިޢުލާންކުރި ބޮޑު މުސީބާތުގެ ދުވަހަކީ 1948 ވަނަ އަހަރުގެ މޭ މަހުގެގެ 15 ވަނަ ދުވަހެވެ. އެ މުސީބާތަށްފަހު ފަލަސްތީނުގެ ރައްޔިތުން އެ ދުވަސް ފާހަގަ ކުރަނީ އެމީހުންގެ އަމިއްލަ ބިމާއި ވަޒަން ގެންލިގެންދިޔަ ބޮޑު މުސީބާތުގެ ދުވަސް ނުވަތަ "ނަކްބާ"ގެ ދުވަހުގެ ގޮތުގައެވެ. ބިމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނުގެ އާންމުން ފެށި ފަލަސްތީނުގެ މިނިވަންކަމުގެ މި އައު ހަރަކާތުގައި ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ރައްޔިތުންވެސް ބައިވެރިވެއެވެ.
ފަލަސްތީނުގެ ރައްޔިތުން ބުނަނީ، ފަލަސްތީނުގެ ބިމުން އިސްރާއީލު ފާބައި އެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމުގެ ޙައްޤާއި ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ޙައްޤު ލިބެންދެން، އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރާ ދެކޮޅަށް މިނިވަންކަމުގެ މި ހަރަކާތް ހިންގަމުން ގެންދާނެކަމަށެވެ.