ދުނިޔެ

ޔޫކްރެއިންގެ ހަނގުރާމަ މިހަފްތާތެރޭގައި ހުއްޓާލަންޖެހޭ - ޕެޓްރޯ ޕޮރޮޝެންކޯ


 


 


ޔުކްރެއިންގެ ސިފައިންނާއި އެގައުމުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމަ މިހަފްތާތެރޭގައި ހުއްޓާލަންޖެހޭ ކަމަށް އެގައުމުގެ އައު ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ވިދާޅުވެއްޖެއެވެ.


 
ޕޮރޮޝެންކޯގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާއާއި ވިލާތުގެ އަމަނާއި އެއްބާރުލުމާބެހޭ ޖަމްއިއްޔާގެ މަންދޫބުންނާއެކު ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. ޔުކްރެއިނަށް ސުލްޙަ ގެނައުމަށްޓަކައި އިދިކޮޅު ހަނގުރާމަވެރިން ހަތިޔާރު ބެހެއްޓުމުން އަފުޢާމެއްގެ ދަށުން އެމީހުންގެ މައްސަލަ ހައްލުކުރެވިދާނެ ކަމަށްވެސް ޕޮރޮޝެންކޯ ވިދާޅުވިއެވެ. ޔުކްރޭންގެ އައު ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ވަކިވެ ގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާއި ދެމެދު ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ.


 


ދެފަރާތުގެ ދެމެދުގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދަނީ ލުހާންސްކް ސިޓީގައިވާ އެއަރޕޯޓް ސަރަހައްދުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.