ރަސްފަންނުގައި ހަދާފައިވާ ޕެވީލިއަންގެ މަސައްކަތް ނިންމާ، އެތަނުގައި ހުޅުވާ "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓް މިރޭ ހުޅުވާނެއެވެ.
ބައިނަލްއަޤްވާމީ ފާސްޓްފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު ރަސްފަންނުގައި ތަރައްޤީކުރާ ޕެވީލިއަންގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހަވާލުކޮށްފައިވަނީ އެމް.ޑަބްލިއު.އެސް.ސީއާއެވެ. ރަސްފަންނުގެ މެދުން މޫދާވީ ފަޅިއަށް ހަޓެއްގެ ޑިޒައިނަށް ފަރުމާކޮށް، 3 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި ޕެވީލިއަންއަކީ މި ކޮންސެޕްޓަށް މާލޭގައި ތަރައްޤީކޮށްފައިވާ ފުރަތަމަ ތަނެވެ.
ޕެވީލިއަންގެ މަސައްކަތް ނިންމާ، އެތަން މިރޭ ހުޅުވާއިރު އެންމެ ފުރަތަމަ ހުޅުވުމަށް ނިންމާފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓެކެވެ. ގްލޯރިއާ ޖީންސް ކޮފީއަކީ އޮސްޓްރޭލިއާގެ ރީޓެއިލް ފުޑް ގްރޫޕުން ހިންގާ ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ޙާއްސަ ފްރެންޗައިޒް ބްރޭންޑެކެވެ.
1979 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުވި މި ފްރެންޗައިޒްގެ 1000 އަށްވުރެ ގިނަ އައުޓްލެޓްތައް ދުނިޔޭގެ 39 ޤައުމެއްގައި މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި އެކަނިވެސް މި ބްރޭންޑްގެ 460 އައުޓްލެޓް ހުންނައިރު، މިތަން ވެފައިވަނީ ކޮފީގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ބްރޭންޑަކަށެވެ.