އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ޗެލްސީއަށް ޖާގަ ނުލިބިދާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމް އަތުން 3-1 ން ބަލިވުމުންނެވެ. މި ބައްޔާއެކު ޗެލްސީ ފަސް ވަނާގައިވަނީ ހަތަރުވަނާގައިވާ ޓޮޓެންހަމަށްވުރެ އަށް ޕޮއިންޓް މަދުކޮށެވެ.
"ހަޤީގަތް ޤަބޫލުކުރަންޖެހޭ. އަހަރުމެންނަށް މި މެޗުގައި ޓޮޓެންހަމާ ގާތަށް ޖެހިލަން ފުރުސަތު ލިބުނު. އެކަމަކު އެ ފުރުސަތު މިހާރު ގެއްލިއްޖެ. އަހަރުމެންނަށްވުރެ ކުރީގައިވާ ޓީމުތައް ކުރިއަށް އެދަނީ ވަރަށް ބާރަށް. ޗެމްޕިއަންސް ލީގުން ޖާގަ ލިބުން ވަރަށް އުނދަގޫވާނެ މިހާރު ކަންތައް އޮތްގޮތުން. އަނެއްގޮތުން ބަލާއިރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އުއްމިދު ކަނޑާލައިގެން ނުވާނެ،" މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ޗެލްސީ އަށް ފަސް ވަނަ މަޤާމު ހައްޤު ކަމަށާއި، މިދިޔަ އަހަރު ހޯދުނު ތަށި ދިފާއު ނުކުރެވި މިހާބޮޑަށް ފަހަތަށް ވެއްޓުނަސް މަޤާމުން ވަކިކޮށްފާނެތީ ބިރު ނުގަންނަ ކަމަށެވެ.
"އަހަރެން ވެސް މިކުރަނީ މަސައްކަތް. ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރޭ. އަހަރުމެން މަސައްކަތްނުކޮށް ތިއްބައެއްނޫން ނަތީޖާ ދަށްވަނީ. އެހެން ސަބަބުތަކެއް ވެސް އެބައޮތް. އަބަދަކު މޮޅެއްނުވާނެ އެއްވަރެއްގެ ޓީމުތައް ތިބޭއިރު. މަޤާމުން ވަކިކޮށްފާނެ ކަމާމެދު ނުވިސްނަން،" ކޮންޓޭ ބުންޏެވެ.
ސީޒަނުގައި ކޮންމެ ޓީމަކަށް ބާކީ ހަތް މެޗު އޮތްއިރު ޗެލްސީއަށް މިހާރު ލިބިފައިވަނީ 56 ޕޮއިންޓެވެ. ޓޮޓެންހަމަށް 64 ޕޮއިންޓެވެ. އެއްވަނާގައިވާ މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.