ޚަބަރު

ފިހާރަތަކާއި ކެފޭތަކުން 24 ގަޑިއިރު ހިދުމަތް ދިނުންމަށް ހުއްދަ ދެނީ


"
" މިހާރު ސައުވީސް ގަޑިއިރު ސިޓީއެއްގެ ގޮތުގައި މި އަންނަނީ ބަދަލުވަމުން. އެހެންކަމުން އެކަންކަމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެވެމުންދަނީ. އެހެންކަމުން އިކޮނޮމިކ މިނިސްޓްރީން ވަރަށް އަވަހަށް ނިންމާނަން 24 ގަޑިއިރު ވިޔަފާރިތަކަށް ޚިދުމަތް ދެވޭގޮތަށް. އެކަމަށް ބޭނުންވާ އުސޫލްތައް ކަނޑައެޅުމުގެ މަސައްކަތް މިކުރިއަށް ދަނީ."
އާދަމް ތައުފީޤު ވިދާޅުވިއެވެ.

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އާދަމް ތަޢުފީޤް ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެ މިނިސްޓްރީން ވަމުން އަންނަކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ޚާއްޞަ ވަރަށް ހަރުދަނާ އުސޫލްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އާދަމް ތަޢުފީޤު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލު ގެންނަން ސަރުކާރުން ނިންމީ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުންކަމަށްވެސް ތައުފީޤު ވިދާޅުވިއެވެ.

ބައެއް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދީނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އެ ނިންމުން ބަދަލުކޮށް ފިހާރަތައް ފަތިހު 5:00ން ރޭގަނޑު 11:00 އަށް އަދި ކެފޭ ރެސްޓޯރަންޓްތަށް ފަތިހު 4:30 އިން ރޭގަނޑު 1:00 ޖަހާއިރު ބަންދުކުރަން ނިންމީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 15 އޮކްޓޯބަރ 2012 ވަނަދުވަހުއެވެ. ވިޔަފާރިކުރާ ތަންތަން ބަންދުކުރާ ގަޑި އަވަސްކޮށް މިހާރު އަމަލުކުރަމުންދާ ގޮތަށް ފިހާރަތައް ރޭގަނޑު 10:00 ޖަހާއިރު އަދި ހޮޓާ ރެސްޓޯރަންޓްތައް ރޭގަނޑު 12:00ގައި ބަންދުކުރުމަށް މި ސަރުކާރުން ނިންމީ 26 މާރޗް 2015ގައިއެވެ.

ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން އަވަހަށް ބަންދުކުރަން ސަރުކާރުން އޭރު ނިންމީ މާލޭ ހާބަރު ސަރަހައްދުގައި ހުރި ކެފޭއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާލުމުގެ ހާދިސާއާއި މާލޭގައި މަރާމާރީތައް ގިނަވުމުން އެފަދަ ކުށްތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމު ކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ. އަދި އެކަމުގެ ނަތީޖާވެސް ރަނގަޅުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.