ޚަބަރު

"ރާއްޖެ މިހާރު ފެންނަނީ ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރިއަރާ ޤައުމުގެ ގޮތުގައި"


އިންޤިލާބީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ރާއްޖެ މިހާރު ފެންނަނީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރިއަރައި ތަރައްޤީވަމުން އަންނަ ޤައުމުގެ ގޮތުގައިކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ވައިސް އެޑްމިރަލް (ރިޓަރޔަޑް) ވަސީމް އަކްރަމް ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއިން އިނގިރޭސި ބަހުން ގެނެސްދޭ ޕްރޮގްރާމް، ޓޯލް މޯލްޑިވްސްގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަޑައަޅާފައިވާ ސަފީރު އެޑްމިރަލް (ރިޓަރޔަޑް) ވަސީމް އަކްރަމްވަނީ ރާއްޖެއާ ޕާކިސްތާނަކީ ޒަމާނުއްސުރެން ގާތް ގުޅުމެއް އޮންނަ ދެޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި މިގުޅުމަކީ އެއްޤައުމު އަނެއްޤައުމަށް ކުރާ އިޙްތިރާމާ، ގާތް އަޚުވަންތަވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު އަކްރަމް ވަނީ މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ އިންޤިލާބީ ކުރިއެރުންތަކާއި ތަރައްޤީއަށް ތަޢުރީފްކުރައްވާފައެވެ. ސަފީރު ވިދާޅުވީ ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާގައި އެންމެ ބާރު މިނުގައި އެންމެ ބޮޑަށް ތަރައްޤީވަމުންދާ އެއް ޤައުމުކަމަށެވެ.
ސަފީރު ވިދާޅުވީ މި ދަނޑިވަޅަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދޭދޭ ގުޅުންތައް ބަދަހިކޮށް ޚާއްޞަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅުކަމަށެވެ. އަދި މިގުޅުން ކުރިން ހީނަރުވެފައިއޮތީ ސީދާ ފްލައިޓް ދަތުރާއި ޝިޕިންގްގެ ދަތުރުތައް ނޯންނާތީކަމަށާ ނަމަވެސް މިހާރު މިކަންކަމަށް ހައްލު ލިބެމުންދާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. ޕާކިސްތާނާ ބެހޭގޮތުން ބޭރުގެ މީޑީއާތަކުގައި ފަތުރަމުންދާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ އެކި މީޑިއާތަކުން އެ ޤައުމަކީ ރައްކާތެރި ނޫން ޤައުމެއްކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ސަފީރު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިން ޕާކިސްތާނަށް ގެންދިއުމަށް ޚާއްޞަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ. ސަފީރުވަނީ ޕާކިސްތާނަށް އައުމަށް ދިވެހިންނަށް ދަޢުވަތު އަރުވާފައެވެ.